މާލެ ސަރަހައްދުގައި ތޮއްޖެހުން ހައްލުކޮށް އެއްގަމު އުޅަނދުތައް މަދުކުރުމަށްޓަކި ގިނަ ދުވަސްވެ، ބޭނުންނުކުރާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމެއްގެ ތެރެއިން މިހާތަނަށް 56 އުޅަނދެއް ނައްތާލާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
މިނިސްޓްރީގެ އިސްނެގުމުގެ ދަށުން މި މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މިއީ ގިނަ މުވައްސަސާ ތަކެއް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އޭގެތެރޭގައި ހިމެނެނީ ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ، ވެމްކޯ އަދި އިގްތިޞާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާއެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކައި ނުދުއްވާ، ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ހުރެއެވެ. މިކަމުގެ ސަބަބުން މަގުތައް ބޭނުންކުރުމަށް ދަތިވެ ޓްރެފިކް ބާރުބޮޑުވެއެވެ.