އިންޑިއާގެ ކަންބޮޑުވުން ބޮޑުވުމާ ގުޅިގެން ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް ވެސް ވަނަނުދިން ޗައިނާގެ ރިސާޗު އުޅަނދު “ޝިއަންގް ޔަންގް ހޮންގް 3” މިއަދު ހެނދުނު މާލެ ކައިރީގައި ބަނދަރުކޮށްފިއެވެ.
އެ އުޅަނދު ރާއްޖެއާ ދިމާލަށް މިސްރާބު ޖެހީ މި މަހު ކުރީކޮޅެވެ.
ޗައިނާގެ ރިސާޗު އުޅަނދުތައް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާތީ އިންޑިއާއިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މިއީ އަސްކަރީ ނަމުގައި ބޭނުންކުރާ އުޅަނދުތަކެއް ނޫން ނަމަވެސް އެ ގައުމުން ތުހުމަތުކުރާ ގޮތުގައި މި ރިސާޗްތަކުގައި އެއްކުރާ މައުލޫމާތު ބޭނުންކުރަނީ އަސްކަރީ ބޭނުންތަކަށެވެ.
ފޮރިން މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ޗައިނާގެ ރިސާޗު އުޅަނދު ރާއްޖެ އައި ނަމަވެސް އެ އުޅަނދުން އެއްވެސް ރިސާޗު މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި، އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދިނީ ސްޓޮކް އާ ކުރުމަށާއި މީހުން ބަދަލުކުރަން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ބޭރުގެ އުޅަނދުތައް އަންނަ ހާލަތްތަކުގެ ރާއްޖެއިން ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށާއި، ކަމާ ގުޅުންހުރި ބައިނަލްއަގުވާމީ މެރިޓައިމް ގާނޫނުތަކަށް އަމަލުކުރާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.