ކުރިއަށް އޮތް ރަމަޟާން މަހުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ނަމަ، އިލެކްޝަންސް ކޮމިޝަނުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރާނެ ކަމުގެ އިޝާރާތެއް އިދިކޮޅު އެމްޑީޕީން ކޮށްފިއެވެ.
ގާނޫނުތައް މިހާރު އޮތް ގޮތުން ވެސް ރޯދައިގެ ފަހަށް އިންތިހާބު ފަސް ކުރުމުގެ ޖާގަ އިލެކްޝަންސް ކޮމިޝަނަށް އެބަ އޮތް ކަމަށާއި ރޯދަ މަހު އިންތިހާބު ބާއްވަން އެ ކޮމިޝަނުން ދައްކަނީ ބޭކާރު ހުއްޖަތެއް ކަމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވިއެވެ.
“ވަރަށް ގިނަ މީހުން އެކަމަށް ނޫން ބަސް ބުނަމުން ދަނިކޮށް މަޖުބޫރީ ހާލަތެއްގަ އަޅުގަނޑުމެން އިންތިހާބަށް ތައްޔާރުވަމުންދާ ތަން މި ފެންނަނީ، އެކަމުގަ އުޅޭ މުވައްޒަފުންގެ ހައްގުތަށް ވެސް އެބަ ގެއްލޭ، ވޯޓުލާން ޖެހޭ މީހުންގެ ހައްގުތައް ވެސް އެބަ ގެއްލޭ، ކެންޑިޑޭޓުންގެ ހައްގުތައް ވެސް އެބަ ގެއްލޭ،” އާންމުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވިއެވެ.
ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ލާޒިމްކުރާ ގޮތަށް ގެނައި އިސްލާހުގެ ބިލު އަވަހަށް ތަސްދީގުކުރުމަށް ގޮވާލައި މި ފަހުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސްވެސް ކޮށްފައި ވެއެވެ.
ނަމަވެސް މި ފަހުން ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ދެއްކެވި ބައެއް ވާހަކަފުޅުން، މަޖިލީހުގެ އިންތިހާބު ބާއްވަން އަދި ނިންމާފައިވާ ތާރީހު ކަމަށްވާ އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދަން އެމަނިކުފާނު ބޭނުންފުޅުވާކަން ދޭހަވެއެވެ.