ހއ. ވަށަފަރަށް މިހާރު ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް މި އަހަރުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އުތުރުގެ އަތޮޅު ތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ.ވަށަފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވަށަފަރަކީ އެމަނިކުފާނުގެ ބައްޕާފުޅު ޝޭހް ހުސައިން އަބްދުއްރަހްމާންގެ އުފަން ރަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުޑަ ރަށެއް، ބޮޑުރަށެއް ތަފާތު ނުކުރައްވާނެ ކަމަށާއި، އެ ސިޔާސަތުގެ ދަށުން 500 އެއްހާ މީހުން ދިރިއުޅޭ ވަށަފަރަށް ބޭނުންވާ ކަންކަން ވެސް ކޮށްދެއްވާނެ ކަމަށެވެ.
އެ ރަށުގެ ބިން ހިއްކުމަކީ ރިޔާސީ ކެމްޕެއިންގައި ވެސް ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.
ރައީސް މިއަދު ވިދާޅުވި ގޮތުގައި، މި އަހަރަށް ބަޖެޓުކޮށްފައި އޮތް މި މަޝްރޫއުގެ މަސައްކަތް ދައުލަތަށް އާމްދަނީ އިތުރުވާ މިންވަރަކުން އަވަސްކޮށްދެއްވާނެ އެވެ.