ދާއިރާގެ ރައްޔިތުންނަށް ގާސިމް އިބްރާހީމް ފޯރުކޮށްދިން މެސެޖުގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ދާއިރާއަށް މާމިގީ ދާއިރާ ހެދުމަކީ ގާސިމްގެ އެންމެ ބޮޑު އުންމީދުކަމަށާއި އެކަން ހާސިލު ކޮށްދެއްވުމަށް ގާސިމަށް ވޯޓު ދިނުމަށް ވަނީ އެދިފައެވެ.
ގާސިމް ވަނީ އޭނާގެ އަމިއްލަ މަސައްކަތުންނާއި ފާއިތުވި އެކި ސަރުކާރުތަކުގައާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މީގެ ވިހި އަހަރު ކުރިއާ އަޅާ ބަލާއިރު މާމިގިލީ ދާއިރާއަށް އައިސްފައިވަނީ ބޮޑު ތަރައްގީއެއް ކަން ފާހަގަކުރައްވާފައެވެ.
އަދި މި ތަރައްގީ ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަން ފާހަގަކުރައްވާ ގާސިމު ވަނީ ވޭތުވެދިޔަ40 އެއްހާ އަހަރު އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން މަސައްކަތް ކޮށް ނަތީޖާ ނެރެފައިވާނެ ކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން ރައްޔިތުން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އޭނާ އެންމެ އިސްކަމެއް ދެއްވާނީ އިސްލާމް ދީނަށާއި، ގައުމަށާއި، ދިވެހިންގެ ގާނޫނު އަސާސީ ދިފާއުކުރުން ކަމަށް ގާސިމު ވަނީ ވިދާޅުވެފައެވެ.
މަޖިލިސް އިންތިހާބުގައި ވޯޓު ލާއިރު ކުރިމަތިލާ ކެންޑިޑޭޓަކީ އާއިލާ މީހެއްތޯ ނުވަތަ ޕާޓީ މީހެއް ތޯ ނުވަތަ ރައްޓެއްސެއްތޯ ނުބަލާ އެކަމުގެ ތަޖުރިބާ ހުރި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާވާނެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ގާސިމު ވަނީ އެދިވަޑައިގެންފައެވެ.