-Advertisement-

-Advertisement-

އާބިޓްރޭޝަނުން ނިންމީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ރާއްޖެއަށް 34 މިލިއަން ރުފިޔާ ދައްކަން

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް

ކޮވިޑުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން، އެ ވެންޓިލޭޓަރުތައް ފޯރުކޮށްދީފައިނުވާތީ ރާއްޖެއަށް 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ) ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އާބިޓްރޭޝަނުން ނިންމައި އެކަން އަންގައިފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އޭޕްރިލް 2، 2020ގައި ދިވެހި ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓްރީއާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަަލް ޓްރޭޑިންއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެ ކުންފުނިން ޚިލާފުވެފައިވުމުން ހުށަހެޅި މައްސަލައިގައި މިދިޔަ ބުދަ ދުވަހު އާޓިބްރޭޝަނުން ވަނީ ގޮތް ނިންމައިފައެވެ.

އާބިޓްރޭޝަނުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރު (29.1 މިލިއަން ރުފިޔާ) އެގްޒިކިއުޓާޒް އިން ސަރުކާރަށް ދެއްކުމަށާއި އަދި މެއި 2021 ގެ ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2 ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން އަންގާފައެވެ.

އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ސަރުކާރަށް ދެއްކުމަށާއި އެ ކުންފުނުން އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ އާބިޓްރޭޝަން ފީގެ ގޮތުގައި ސަރުކާރުން ދެއްކި ޖުމްލަ އަދަދު ކަމަށްވާ 132،865 ޑޮލަރު (2 މިލިއަން ރުފިޔާ) އެ ކުންފުނީގެ އަތުން ހޯދުމަށްވެސް އާބިޓްރޭޝަނުން ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-