އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ޖަމާކޮށްދޭން ސަރުކާރުން ކުރިން އެއްބަސްވި 35 މިލިއަން ރުފިޔާ މިހާރު އޮޑިވެރިންނަށް ޖަމާކޮށްދީފައިވާނެ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.
ފައިސާ ޖަމާކޮށްދިނުން ލަސްވަމުންދާތީ ގއ. ކޫއްޑޫގައި މަސްވެރިން މިދިޔަ ހަފުތާގައި ކުރި ތިން ދުވަހުގެ އިހުތިޖާޖާ ގުޅިގެން ސަރުކާރުން އެއްބަސްވެފައި އޮތީ މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަނެއްހާ ރުފިޔާގެ ތެރެއިން ފުރަތަމަ 100 މިލިއަން އިއްޔެގެ ނިޔަލަށް ޖަމާކޮށްދޭނެ ކަމަށެވެ. ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އިން އެއްބަސްވި ގޮތަށް އެ 100 މިލިއަންގެ ތެރެއިން 70 މިލިއަން ރުފިޔާ އޮޑިވެރިންނަށް މިދިޔަ ބުދަ ވަނީ ޖަމާކޮށް ނިމްމާފައިއެވެ.
ސަރުކާރުން އެއްބަސްވެފައި އޮތީ މަސްވެރިންނަށް ނުދީ ބާކީ ހުރި ހުރިހާ ފައިސާއެއް އަންނަ މަހުގެ ފަހެއްގެ ކުރިން އޮޑިވެރިންނަށް ދޫކުރާށެވެ.
މިފްކޯގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި އަދިވެސް ދޫކުރަނީ 25ރ. ގެ ރޭޓުން މަސް ގަތް އަގަށް ޖެހޭ ފައިސާ ކަމަށެވެ.
މި ސަރުކާރުން ވަނީ މިފްކޯ އަށް މަސް ގަންނަ އަގު މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން 20ރ. އަށް ބަދަލުކޮށްފަ އެވެ.