ރާއްޖޭގެ ޓްރޭޑް ޑެލިގޭޝަނެއް އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ވަޑައިގަންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ރާއްޖޭގެ އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ށ. މިލަންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ސައީދު ވަނީ މިއީ ތާރީހުގައިވެސް އެމެރިކާއަށް ރާއްޖޭގެ ޓްރޭޑް ވަފުދެއް ދާ ފުރުތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ.
“ޖުލައި 10 ވަނަ ދުވަހު ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް، އަޅުގަނޑު މައުލޫމާތު ކުށް ކަމަށް ނުވަންޏާ، ޓްރޭޑް ޑެލިގޭޝަނެއް އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން އަށް ދާނެ. އެކަން ރައީސުލްޖުމްހޫރިއްޔާ އަށްޓަކައި އެމެރިކާގެ ސަރުކާރުން ވަނީ ފަހިކޮށްދީފައި،”ސައީދު
ހަމައެއާ އެކު، އަންނަ މެއި މަހުގެ 15 ވަނަ ދުވަހު އިނގެރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ވެސް ރާއްޖެއިން ޓްރޭޑް ޑެލިގޭޝަނެއް ވަޑައިގެންނަވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ސަރުކާރަށް ތިން މަސް ވެގެންދިޔަ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އޭގެ އިތުރުން ދިހަ ޕަސަންޓް އިތުރަށް ކާޑުގެ ބާވަތްތައް ތުރުކީން އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު އެކުވެރި އެހެން ގައުމުތަކުންވެސް ކާޑުގެ ބާވަތްތައް ލިބޭނެ މަގު ފަހިވެފައިވާ ކަމަށެވެ.
އަދި ރައީސްގެ ވެރިކަމުގެ ކުރީކޮޅުގައި ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދުތައް ހުރި ބައެއް ގައުމުތަކަށް ވަޑައިގެން، ރާއްޖެއަށް މިހާރު ވެސް ގިނަ ފުރުސަތުތަކެއް އެމަނިކުފާނު ހޯއްދަވައިދެއްވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.