ސަރުކާރުގެ މަސް ކުންފުނި, މޯލްޑިވްސް އިންޑްސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ވިއްކާ މަހުގެ ޝިޕްމެންޓުގެ ތެރެއިން މަސް ރިޖެކްޓުވެ ވަމުންދާ ގެއްލުން ހުއްޓުވުމުގެ ގޮތުން، އެ ކުންފުނިން ކަނޑައަޅާ ޝަރުތުތަކަށް އެއްބަސްވާ ކުންފުނިތަކަށް އެކަނި މަސް ވިއްކަން ނިންމައިފި އެވެ.
އެސްއޯއީ ކޮމިޓީއަށް މިފްކޯގެ ވެރިން ހާޒިރުކުރީ އެ ކުންފުނީގެ ވަސީލަތްތައް ސިޔާސީ ބޭނުމަށް ބޭނުންކުރަމުންދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.
ރިޖެކްޓުވާ މަހާ ގުޅޭ ގޮތުން އެ ކޮމިޓީގައި އެމްޑީޕީ ތަމްސީލުކުރައްވާ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުالله ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިފްކޯގެ ސީއީއޯ ޝަމާހު ވަނީ އޭނާ މަގާމާ ހަވާލުވުމަށް ފަހު ތައިލެންޑްގެ ކުންފުނިތަކާ އެ ކަމާ ގުޅިގެން މަޝްވަރާކުރެއްވިކަމަށް ވިދާޅުވެފަ އެވެ.
އެއަށްވުރެ ހަރުދަނާކޮށް އެކަންކަން ދާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމާ ގުޅިގެން މިފްކޯ މަސް ތައިލޭންޑުން ގަންނަ ފަރާތްތަކާ އެކު މަޝްވަރާ ކުރި ކަމަށް ޝަމާހު ވިދާޅުވި އެވެ. އެއަށްފަހު, އެކަން އިސްލާހު ކުރުމަށް ގޮތްތަކެއް ހުށަހެޅި ކަމަށް ކޮމިޓީގައި މައުލޫމާތު ހިއްސާކުރަމުން އޭނާ ވިދާޅުވި އެވެ.
އެގޮތަށް އެ ކުންފުނިތަކުން އެއްބަސް ނުވި ކަމަށާއި އެއާއެކު އެހެން މާކެޓުތަކަށް ރާއްޖޭގެ މަސް ފޮނުވޭނެ ގޮތްތައް ހޯދަން މަސައްކަތް ފެށި ކަމަށް ޝަމާހު ވިދާޅުވި އެވެ. އެގޮތުން, އިނގިރޭސިވިލާތުގެ ކުންފުންޏަކާ އެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.