ހަންގޭރީގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ އާ ރައީސަކަށް ތަމަސް ސަލިއޯކް އިންތިހާބު ކޮށްފި އެވެ.
ހަންގޭރީގެ ރައީސް ކަމަށް ސަލިއޯކް އިންތިހާބު ކޮށްފައި ވަނީ އެ ގައުމުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ކެޓަލިން ނޮވާކް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކެޓަލިން މަގާމުން އިސްތިއުފާ ދެއްވީ ޖިންސީ ގޯނާގެ މައްސަލައެއް ފޮރުވައި، އެކަމަނާ މީހަކަށް މައާފު ދިން ކަމަށް އަޑު ފެތުރުމާ ގުޅިގެން ޕްރެޝަރު ބޮޑުވުމުގެ ސަބަބުންނެވެ. އަދި ކެޓަލިން ވަނީ ކުށް ކުރެވުނު ކަމަށް އިއުތިރާފުވެވަޑައިގެން، މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ހޯމަ ދުވަހު އޮތް ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ސަލިއޯކް ރައީސް ކަމަށް އިންތިހާބުކުރީ ވެރިކަން ކުރާ ފިޑެޒްސްގެ މެޖޯރިޓީއާއެކު ކަމަށްވާއިރު، އިދިކޮޅުން އަންނަނީ ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އައު ސަރުކާރެއް ހޮވުމަށް އިންތިހާބެއް ބޭއްވުމަށް ގޮވާލާފަ އެވެ.
އުމުރުން 67 ސަލިއޯކް ހަންގޭރީގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މާޗު 5، ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.