ސަރުކާރުން އާންމުންގެ އުޅަނދުތައް ގަންނަ ޕްރޮގްރާމެއް އަންނަ އަހަރު ފަށަން ނިންމައފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މާލޭގައި ވެހިކަލްތައް ގިނަވުމުގެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް މިއަދު ޓްރާންސްޕޯޓު މިނިސްޓްރީ މަޖިލީހުގެ ގަވައިދު ކޮމެޓީއަށް ހާޒިރުކުރުމުން، މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އުޅަނދުތައް އަނބުރާ ގަންނަ ޕްރޮގްރާމަކީ އެކަން ހައްލުކުރުމަށް އަޅާ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.
އަމީން ވިދާޅުވީ އެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ބެޖެޓަށް 500 މިލިއަން ރުފިޔާ ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހަޅާނެ ކަމަށެވެ.
“18 ޕަސެންޓާއި 22 ޕަސެންޓާ ދެމެދުގެ ބޭފުޅުން އޮންދަ ސްޕޮޓުގަ އިވެލުއޭޝަން ހަދާފައި ލާރި ދޭނަމަ ދޫކޮށްލަނީ. މިހާރު ކުރިއަށް ގެންދިޔައީމަ ވާގޮތަކީ އިތުރަށް ހާލަތު ގޯސް ނުވެ ހިފެހެއްޓެނީ،” އަމީން
އަމީން ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ގަންނަ ވެހިކަލު ރީ-އެކްސްޕޯޓު ނުވަތަ، ބައު ދަނގަނޑުގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި މިފަދަ ކާމިޔާބު ޕްރޮގްރާމުތައް ހިންގާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވެސް ދަނީ މާލޭގައި އުޅަނދުތައް މަދުކޮށް، ޓްރެފިކް ތޮއްޖެހުން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް އަމީން ވިދާޅުވިއެވެ.