އަންނަ ހުކުރު ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށޭނެ ކަމަށާއި އެ ހިދުމަތް ފެށުމުން ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މެޑިކަލް އިވެކުއޭޝަން ހެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.މަނަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލައަށް ކަންކަން ކުރެވޭނެ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެގޮތުން ކަނޑައަޅާފައިވާ ތާރީހުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ރާއްޖޭގައި ފެށިގެންދާނެ ކަމަށެވެ
ރައީސް ވިދާޅުވީ އެއާ އެމްބިއުލާންސް ހިދުމަތުގެ ތެރެއިން ބޭނުންކުރާ މަތިންދާބޯޓު ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ކުއްލި ހާލަތުގައި ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ ކަމަށާއި ސްރީލަންކާއާ ހިސާބަށް ވެސް އޭގެން ދަތުރުތައް ކުރެވޭނެ ކަމަށެވެ. އަދި މަތިންދާބޯޓުގެ އިތުރުން ސީޕްލޭނެއް ވެސް ބޭނުންކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެ މަސައްކަތުގައި ބޭނުންކުރާ ސީޕްލޭނަށް ކޮންމެ ރަށެއްގެ ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކުރެވޭނެ ކަމަށާއި ޑޭޝް 8ގެ ބޯޓާއި ސީޕްލޭން ވެސް ބޭނުންކުރެވިގެންދާނީ ބަލިމީހުން އުފުލުމަށް ބޭނުންވާ ބަދަލުތައް ގެނެސްގެން ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖެ އާއި ލަންކާއާ ދޭތެރޭ ވެސް ކުރުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެއިން އެއާ އެމްބިއުލާންސް އަދި އެ ނޫންވެސް އެމަޖެންސީ ފްލައިޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުރިހާ ހުއްދައެއް ގިނަވެގެން ދެ ގަޑިއިރު ތެރޭގައި ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ ނިންމައިފައެވެ.