މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް އަންނަ ޖުލައި މަހުގެ ފަހުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ނ. ކެނދިކުޅޫގައި މިއަދު ބޭއްވި ޖަލްސާގައި އެރަށުގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީ އަށް އެންމެ މުހިންމު އެ ކަމަކީ ގެދޮރުވެރިކަން ކަމަށެވެ.
ރައީސް މިއަދު ވިދާޅުވީ ގެދޮރުވެރިކަމާ ގުޅޭ އެކި ފަހި ފުރުސަތުތައް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ ބައިވަރު އިގުތިސާދީ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.
އުތުރުގައި ފްލެޓްތައް އަޅަން ނިންމާފައި ވަނީ ހއ، ހދ. އަދި ށ. ގަ އެވެ. އަދި ދެކުނުގައި ފްލެޓްތައް އެޅުމަށް ޕްލޭންކޮށްފައި އޮތީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫގަ އެވެ.
ސަރުކާރުން އިމާރާތްކުރަން ބޭނުންވަނީ 15-20 ބުރީގެ ހައުސިން ޔުނިޓާއި ވިޔަފާރީގެ ބޭނުމަށް ޖާގަ ހުންނަ ގޮތަށް ހަދާ ޓަވަރުތަކާއި ހަތަރު ބުރީގެ ހައުސިން ޔުނިޓްތަކާއި ތިން ބުރީގެ ހައުސިން ޔުނިޓެވެ. އޭގެ ތެރޭގައި ސްޓޫޑިއޯ އެޕާޓްމަންޓްތަކާއި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވެސް ހިމެނޭނެ އެވެ. އަދި ފްލެޓްތައް އެޅުމަށް އަކަފޫޓަކަށް 85-100 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އާއި ކޮންސެޝަނަލް ފައިނޭންސިން މޮޑެލް މެދުވެރިކޮށް މި ޕްރޮޖެކްޓްތައް ހިންގޭނެ އެވެ.