އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު އެނބުރި މާލެއަށް ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގެ އެއް ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ހއ. ހދ އަދި ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ 6 ދުވަހުގެ މުއްދަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫތަކެއް ހިންގުމަށް ރައީސް ވަނީ ވައުދުވެފައެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފައްޓަވާފައިވާ މި މަސައްކަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ
އުތުރަށް ކުރެއްވި މި ދަތުރުފުޅުގެ ކުރިން ރައީސް ވަނީ ރާއްޖޭގެ ދެކުނަށް، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލުތަކާވެސް ބައްދަލުކުރައްވާފައެވެ.