ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްވުމުން އިތުރަށް ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު މާދަމާ އިއުލާންކޮށް، އިތުރަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު މި މަހު 14، ގައި ހުޅުވާލުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މި މާޗު މަހު 17، އަށެވެ. އެ ތާރީހު ދިމާވަނީ ރޯދަ މަހުގެ ދުވަހަކަށެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލަކީ ރޯދަ މަހުގެ ތާރީހަކަށް އިންތިހާބީ ތާރީހު ދިމާވާނަމަ ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.
ގާނޫނު ފާސްކޮށް ތަސްދީގު ކުރުމުން، އާ ތާރީހުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ، އޭޕްރީލް 21، އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އޭޕްރީލް 21، އަށް އިންތިހާބު ފަސްކުރުމުން އެ ތާރީހަށް 18 އަހަރު ފުރޭ މީހުން ހިމެނުމުން ކުރިން ލިސްޓުގައި ނެތް 560 މީހަކަށް ވޯޓުގެ ހައްގު ލިބޭ ކަމަށެވެ.
ޒަކަރިއްޔާ މިއަދު ވިދާޅުވީ އެ ފުރުސަތު ހުޅުވާލާނީ މި މަހު 14، ގައި ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ހަމަވާނީ މި މަހު 17، އަށެވެ.
މީގެ އިތުރުން ބޭރު ގައުމުތަކުގައި ރަޖިސްޓްރީކުރަން ވެސް އަލުން ހުޅުވާލާނެ އެވެ. އަދި ކުރިން ވެސް ނިންމާފައިވާ ގޮތަށް ކަނޑައަޅާފައިވާ އަދަދަށް ރަޖިސްޓްރީވެއްޖެނަމަ އެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.