ސަރުކާރު އެކުލަވާލުމަށް ފަހު އުފައްދާ މިނިސްޓްރީތަކުގެ އަދަދާއި ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށައަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތު ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސަށް ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މިނިސްޓްރީތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަސް ތެރޭގައި އެ މިނިސްޓްރީތަކުގެ މަސައްކަތަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް މަޖިލީހަށް ހުށަހަޅުއްވާ ފާސް ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރަން މި ސަރުކާރުން ވައުދު ވެފައިވީ ނަމަވެސް ގިނަ އަދަދެއްގެ މިނިސްޓްރީތައް އުފައްދައި ނައިބު އަދި ސްޓޭޓް މިނިސްޓްރީ ފެންވަރުގެ ގިނަ މަގާމްތައް އުފެއްދުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ކުރީ ސަރުކާރުތަކުގެ މިނިސްޓްރީތަކުގެ އަދަދު:
- ރައީސް މުހައްމަދު ނަޝީދު – 16 މިނިސްޓަރުން
- ރައީސް ޑރ. މުހައްމަދު ވަހީދު – 18 މިނިސްޓަރުން
- ރައީސް އަބްދުﷲ ޔާމީން – 16 މިނިސްޓަރުން
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު – 19 މިނިސްޓަރުން
- ރައީސް ޑރ. މުހައްމަދު މުއިއްޒު – 22 މިނިސްޓަރުން