ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ނައިބު ރަައީސް ކަމަލާ ހެރިސް ގޮވާލައްވައިފިއެވެ..
ކަމަލާ ވަނީ ޔަހޫދީންގެ ޢުދުވާނުގެ ސަބަބުން ފަލަސްޠީނުގެ ކުށެއް ނެތް އެތަކެއް ހާސް ބަޔަކު އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާކަމަށާއި، އެ ސަހަރުގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަދި ޢުދުވާންތައް ހުއްޓައިލުމަށް ޔަހޫދީންނާ އެކު އެއްބަސްވުމެއް އެކުލަވައިލަން އޭނާ ވަނީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތަށް ގޮވައިލައްވާފައެވެ.
“ޣައްޒާގައި ރައްޔިތުން ތަހައްމުލު ކުރަމުންދާ ބިކަ ހާލަތަށް ރިއާޔަތްކޮށް, ޢުދުވާންތައް ވަގުތުން ހުއްޓައިލަން ޖެހޭ. އެއްބަސްވުމެއްގެ ދެލިކޮޕީ ވަނީ އެކުލަވައިލެވިފައި. ހަމާސުން އެ ދެލިކޮޕީގައިވާ ކަންކަމަށް އެއްބަސްވާން ޖެހޭ،” ކަމަލާ ހެރިސް
ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުން އިތުރު ކުރުމަށް އެ ސަހަރުގެ އިތުރު ސަރަޙައްދީ ހުރަސްތައް ހުޅުވައިލަން ޖެހޭ ކަމަށާއި, އެ ކަމަށް އޮތް ހުރަސްތައް ޔަހޫދީން ނައްތައިލަން ޖެހޭ ކަމުގައި ވެސް ހެރިސް ވިދާޅުވިއެވެ. އަދި, އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އިދާރާތަކާއި, އެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ހަމަލާ ދިނުން ހުއްޓައިލުމަށް ވެސް އޭނާ ވަނީ ޔަހޫދީ ފައުޖަށް ގޮވައިލައްވާފައެވެ.
މިއީ ފަހުގެ ތާރީހެއްގައި އެމެރިކާ ސަރުކާރުގެ އިސްވެރިއެއް ޣައްޒާގެ ޢުދުވާނަށް ނިމުމެއް ގެނައުމަށް ހަރުކަށި އިބާރާތުން ގޮވައިލައްވާފައިވާ ފުރަތަމަ ފަހަރެވެ.