-Advertisement-

-Advertisement-

ޕޮލިސް ސްޓޭޝަންތަކެއް އަޅަން އިންޑިއާ ކުންފުންޏަކަށް ދިން 3.6 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގުނު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކެޕްޓަން އަލީ އިހުސާން

ރާއްޖެތެރޭގެ ރަށްތަކުގައި 61 ޕޮލިސް ސްޓޭޝަން ގާއިމް ކުރުމަށް އިންޑިއާގެ ކުންފުންޏަކަށް ރާއްޖެއިން ދެއްކި 3.6 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގިގެން، އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓާރ އިހުސާން މިހެން ވިދާޅުވީ ހޯމް ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، 61 ޕޮލިސް ސްޓޭޝަނެއް އަޅައި، 41.18 ޔޫއެސް ޑޮލަރުގެ މަޝްރޫއެއް ރާއްޖޭގައި ހިންގުމަށް އިންދިރާ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކުން 2019 ވަނަ އަހަރުގެ އޮގަސްޓު މަހު ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
އޭރު އޮތް ސަރުކާރުން އެކަމަށް އިޖާބަދިންއިރު ޝަރުތަކަށް އޮތީ، އެ ޕްރޮޖެކްޓުގެ 85 އިންސައްތައަށް ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުން ކަމަށާއި، އަނެއް 15 އިންސައްތަ ރާއްޖޭގެ ސަރުކާރުން ފައިނޭންސް ކުރަން ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އޭރުގެ ސަރުކާރުން މިކަމަށް އިޖާބަ ދިނުމުން، އެގޮތަށް ޕްރޮޖެކްޓް ޕްރޮޕޯސަލެއް ހަދައި އެގްރިމެންޓެއް ހެދި ކަމަށެވެ.

ނަމަވެސް، ރިކޯޑުތަކުން ފެންނަ ގޮތުން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންދިރާ ޕްރޮޖެކްޓްސް، އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކިޔާ ޕާޓްނާޝިޕަކަށް ރާއްޖޭގައި ބަދަލުކޮށް، ރެޖިސްޓްރީ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭރުވެސް އެ ކުންފުނިން މި ޕްރޮޖެކްޓަށް އެއްވެސް ފައިސާއެއް ނުދޭ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ސަރުކާރުން އެ ކުންފުންޏަށް 3.6 މިލިއަން ޔޫއެސް ޑޮލަރު ދައްކައިފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
އޭގެ ފަހުން ކުރެވިފައި ހުރި މުއާމަލާތްތަކުންވެސް ރާއްޖެއިން އެ ކުންފުންޏަށް ދެއްކި ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު އެ ކުންފުންޏާ އެއްކޮށް ހެދި ޖޮއިންޓް ވެންޗާ ރޫޅުނުކަމަށް އެ ކުންފުނިން އަންގައިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހިލޭ އެހީގެ ދަށުން ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށްވެސްއެ ކުންފުނިން މީގެ ކުރިން ބުނެފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-