ކަސްޓަމްސްގެ ކާރަކަށް އަމިއްލަ ހަރަދުގައި ބަދަލުގެނެސް މޮޑިފައި ކުރުމުން ކަސްޓަމްގެ ވެރިޔާ ކޮމިޝަނާ ޖެނެރަލް ޔޫސުފު މާނިއުއަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.
ކާރަށް ބަދަލުގެނައި ވާހަކަ ސޯޝަލް މީޑިއާގައި އާންމުވުމުން މާނިއު އެކްސްގައި ވިދާޅުވީ, ކާރަށް ބަދަލު ގެންނެވީ އަމިއްލަ ހަރަދުގައި ކަމަށާއި ކާރުގައި ރަންކުލައިގެ ފަށެއް ދަމާ ހެދީ ކަސްޓަމްގެ ބޯޑާ ޕްރެޓެކްޝަން ލޯގޯއާ އެއްގޮތް ކުރުމުގެ ގޮތުން ކަމަށެވެ. އާ ލޯގޯ އޮންނަނީ ރަން ކުލައިން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އަދި ކާރަށް މި ބަދަލުތައް ގެނައުމާއެކު އާންމުން އެކަމާ ހިތްހަމަ ނުޖެހޭތީ ކުރިން ހުރި ގޮތަށް ކާރު ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ އެ ކަމާ ގުޅިގެން އާންމުންގެ ކިބައިން މާފަށް އެދިފަ އެވެ.
“ކާރުގައި ރަން ކުލަައިގެ ބައިތަކެއް ހިމެނުމުން އާންމުން ހިތްހަމަ ނުޖެހޭތީ ކުރިން ހުރި ގޮތަށް ބަދަލުކުރާނަން. ބަދަލު ގެނައީ އަމިއްލަ ހަރަދުގައި” މާނިއު
ކާރަށް ގެނައި ބަދަލާ ގުޅިގެން ސޯޝަލްމީޑިއާގައި ފާޑުކިއި ބައެއް ފަރާތްތަކުން ބުނީ, މާނިއު ކާރުގައި ކަޅު ޕެއިންޓް ކޮށް ރަން ކުލައިގެން ފަށް ދަމާ ހެދީ ‘ބެޓްމޭން” އާ ވައްތަރުވާން ވެގެން ކަމަށެވެ.
މި ކާރަކީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކާރެކެވެ.