ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ މައްޗަށް ކުރި 850،000 ރުފިޔާގެ ދަރަނީގެ ހުކުމް ބާތިލްކުރަން ހުށަހަޅައިފިއެވެ.
މި ދަރަނި ސާބިތުވެފައިވަނީ ތ.އަތޮޅު ކަނޑޫދޫ ސްކޫލުގައި ތިން ކްލާސް ރޫމްގެ އިމާރާތެއް އެޅުމުގެ މަޝްރޫ، އޭނާގެ ކުންފުންޏަކުން ނަގައިި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސި މޫސާ ހަލީލް ކިޔާ މީހަކަށް ފައިސާ ދައްކާފައި ނުވާތީއެވެ.
މި މަޝްރޫއުއަކީ އިސްމާއިލްގެ ކުންފުންޏާ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރި މަޝްރޫއަކަށް ވާއިރު، މަސައްކަތް ކުރުވި މީހާއަށް ދޭން ޖެހޭ 1.28 މިލިއަން ައިސާގެ ތެރެއިން މިހާނަތަނަށް ދީފައިވަނީ 425،000 ރުފިޔާއެވެ.
ދައުވާ ޖަވާބުދާރީވާން ކޯޓުން ދިން ފުރުސަތުގައި މެންބަރު އިސްމާއިލް އަހުމަދު ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެންކަމުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓުން އޭނާގެ މައްޗަށް ދަރަނި ސާބިތުވާ ކަމަށް ޣައިރު ހާޒިރުގައި ކުރި ހުކުމްގައިވަނީ މޫސާ ހަލީލަށް ދޭން ޖެހޭ 856،830 ރުފިޔާ 15 ދުވަސް ތެރޭ ދައްކާ ހަލާސްކުރުމަށެވެ.
މި މަޝްރޫއުގައި ދޭން ޖެހޭ ފައިސާތަކެއް ކަމަށް ބުނެ މީގެ ކުރިން ވެސް އޭނާ މި މައްސަލަ ކޯޓަށް ހުށަހެޅި ކަމަށާއި 2020 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ނިންމާފައިވަނީ މޫސާ ހަލީލަށް ދޭން ޖެހޭ ފައިސާއެއް ނެތް ކަމަށް ކަން މިކަމާ ގުޅިގެން އިސްމާއީލް ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ހަމައެއް ނުވާނެއެވެ.