އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހިދުމަތް ކުރައްވާތާ 21 އަހަރަށް ފަހު، އެކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަކިވެވަޑައިގެންފި އެވެ.
އީސީން އޭނާ ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ. ފަސް އަހަރުގެ ދެ ދައުރު އޭނާ ވަނީ ފުރިހަމަ ކުރައްވާފައިވާއިރު، ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.
އިލެކްޝަންސް ކޮމިޝަން މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކޮށްފައިވަނީ މާޗު 13، 2013 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ފުރަތަމަ ދައުރު ހަމަވެ ދެ ވަނަ ދައުރަށް ހަބީބް އައްޔަން ކުރީ 2019 ގަ އެވެ.
އިލެކްޝަންސް ކޮމިޝަން މެންބަރު ކަމަށް އައްޔަން ކުރުމުގެ ކުރިން ވެސް ހަބީބް ވަނީ އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
ދައުރު ހަމަވުމާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ހަބީބުބ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު މި ތަޖުރިބާތަކަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށާއި، މި މުއްދަތުގައި ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނާއި، މުއައްސަސާތަކުންނާއި ނޫސްވެރިންގެ އިތުރުން ސިޔާސީ ޕާޓީތަކުން އޭނާއަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށެވެ.
ހަބީބްގެ ބަދަލަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް މަޖިލީހަށް ވަނީ ނަން ފޮނުވައިފަ އެވެ.