ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދަނިކޮށް އަތުލައިގަތް ހަތް ބިދޭސީން ޑީޕޯޓު ކުރަން ނިންމައިފިއެވެ.
ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިމިގްރޭޝަނުން ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ މައްސަލައެއްގައި މިދިޔަ ހޮނިހިރު ދުވަހު ހަތް ބިދޭސިއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެއާއެކު އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މިއަދު “އެކްސް”ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާ އެކު އެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި ބެލުމުގެ ދަށަށް ގެންދިޔަ ހަތް ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.
އެ އެންމެން ވެސް ހައްޔަރުކުރީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރިންނެވެ. އެ ހަތް މީހުންނަކީ ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ މީހުން ކަމާއި، އެ މީހުންގެ ތެރޭގައި ސައްހަ ވިޒާއެއް ނެތި އުޅޭ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭ ކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ކަމުގެ ޝަކުވާ އަދި ކަންބޮޑުވުން އާއްމުން ފާޅުކުރަމުންދާ ކަމަށް ވެސް، އިމިގްރޭޝަނުން ބުންޏެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަންތައް ހިންގާނެ ކަމަށާއި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފުރުވާލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް، އެ އިދާރާ އިން ބުންޏެވެ.