ސެން ޓީޗަރުންނަށް ފައިސާގެ އިތުރު އިނާޔަތެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ސެން ޓީޗަރުންނަށް ރިސްކް އެލަވަންސާއި ޓީޗަރުން ނުލިބޭ މައްސަލައިގައި މ. މުލަކު ސްކޫލުގައި މަސައްކަތް ކުރާ ސެން ޓީޗަރެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، ރިސްކު އެލަވަންސަށް ބަދަލު އައިސްފައި އޮތީ، މިދިޔަ ސަރުކާރުން ފެށިގެން އަމަލު ކުރަމުން އަންނަ ޕޭ ފްރޭމްވޯކުގެ ސަބަބުން ކަމަށާއި، ސެން ޓީޗަރުންނަށް ރިސްކު އެެލަވަންސެއް ނުވަތަ ހާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޓީޗަރުން މަދުކޮށް ތިބި ދާއިރާތައް ހޯދައި އެ ދާއިރާތަކަށް ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މި އަހަރުގެ މެދު ތެރޭގައި ފަށަން ހަމަޖެހިފައިވާކަމަށެވެ.
އަދި މި ޕްރޮގްރާމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.