ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އާއި ރޯޑްޑިވެލޮޕްމެންޓް ކޯޕްރޭޝަނާއި (އާރ.ޑީ.ސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ ކުރިއަށްގެންގޮސްފައިވާ ސޮއިކުރުމުގެ މިރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ އަދި މެނޭޖިންގޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.
މިކަމާއި ގުޅޭ ގޮތުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހިކުންފުންޏަކާއިއެކު އެމް.އޭ.ސީ.އެލްއިން ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ކަމަށެވެ.
އަދި އެމް.އޭ.ސީ.އެލްގައި މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ޚާއްސަ އިންޓަރނަލް ޓީމެއް އޮތްނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެޙާލަތެއްގައި އެމަސައްކަތްކުރަން ޖެހޭނީ، އެޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހުކަމަށް ވާތީ ދަތިތަކާއި ކުރިމަތިލާން ޖެހޭކަންފާހަގަކުރެއްވިއެވެ.
އެހެންކަމުން އާރު.ޑީ.ސީފަދަ މިފަދަ މަސައްކަތްތަކަށް ޚާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައްފަސޭހަކަމާއި ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާރު.ޑީ.ސީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރުވަނީ، އެމް.އޭ.ސީ.އެލްގެ ހީވާގިވެރިންގެ މަސައްކަތް ފާހަގަކުރައްވާ، އާރު.ޑީ.ސީގެ ގާބިލްކަން އިތުރުކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިއާރު.ޑީ.ސީގެ ކުރިމަގު ބިނާކުރަމުންދާނީ ސީނިއަރ ލެވެލްގެ ސަރުކާރު ކުންފުނިތަކާއިއެކު މަސައްކަތްކޮށް އިތުރަށް ފުޅާކޮށްގެން ކަމުގައި ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާން ވިދާޅުވީ، ވަރަށް ގިނަ މަޝްވަރާތަކަކަށްފަހުސޮއިކުރެވުނު މިފަހުމުނާމާއާއިއެކު، ހުޅުލޭގައި މިހާރުކުރަން ހުރި މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް ކުރިއަށްގެންދެވޭނެކަމަށެވެ. އަދި އެމް.އޭ.ސީ.އެލްގެފެސިލިޓީ މެނޭޖްމެންޓުން ކުރަމުންގެންދާ މަސައްކަތްތަކަށް މިހާރަށްވުރެ ބޮޑަށް އިންޓަރނަލީ ފޯކަސްކުރެވި، ދެންހުރި ބޮޑެތި މަސައްކަތްތަކާއި އަދިލޭންޑްސްކޭޕިންގެ އިތުރުންވެސް އާރ.ޑީ.ސީއިން ކުރެވެން ހުރިކަންކަން އެކުންފުނިން ކުރިއަށް ގެންދާނެއެވެ.
މި ފަހުމުނާމާގެ ދަށުން އެއަރޕޯޓްގެ ލޭންޑް ސައިޑުގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސަރފޭސް ކުރުމުގެ މަސައްކަތް އާރ.ޑީ.ސީގެ ފަރާތުން ކުރުމަށްހަމަޖެހިފައިވެއެވެ.
އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއިއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން،މަގުތަކުގައި ލައިން މާކިންގ ދެމުމުގެ މަސައްކަތްވެސް އެކުންފުނިންގ ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން މަގުތަކުގެ ފެން ހިއްކުމުގެ ނިޒާމުތަކާއި، އަދި އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމް.އޭ.ސީ.އެލްގެ ބޭނުންތަކާއި އެއްގޮތައްއެއަރޕޯޓުގެ އާންމު ތަންތަނާއި، ހިނގާރިތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާއިއެކު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނިނައްތާލުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދާނެއެވެ.