މަޖިލީސް އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަލުން ވާދަކުރަން ނިންމާ މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވައިފިއެވެ.
މެމްބަރު ރަޝީދު ފުރަތަމަ ވާދަކުރަން ނިންމެވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް ރަޝީދު ވާދަނުކުރައްވަން ނިންމެވީ ރޯދަ މަހު އިންތިހާބު އޮންނާތީ ކަމަށާއި، މިހާރު ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވާތީ، އަލުން ވާދަކުރައްވަން ބޭނުންވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހައި ކޯޓުގެ ރަޖިސްޓްރީން، މެންބަރު އަހުމަދު ރަޝީދު އިންތިހާބީ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަން ދައްކަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.
މަޖިލީސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް އެއީ ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި އެ ބިލް ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ.
އެ ބިލު ތަސްދީގު ކުރެއްވުމާއެކު މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.