މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގުތިސޯދު އޮތް ދަތި ހާލަތުން އަރައިގަނެވި، ޑޮލަރު ރޭޓު މަތިވިޔަ ނުދީ އެއްވަރެއްގެ ހިފެހެއްޓިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު ވިދާޅުވީ ސަރުކާރުން ތަންފީޒުކުރަމުންދާ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އަނެއް ބަޔަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުން ކަމަށެވެ.
އޭގެތެރޭގައި، ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، އިގުތިސޯދު ސިންދަފާތު ކުރުމުގެ ފުޅާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރެވިފައިވާ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައިއެވެ.
ސައީދު އެ އިޝާރާތް ކުރެއްވީ އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު މިދިޔަ ހަފްތާގައި ސޮއި ކުރެވުނު އެއްބަސްވުމަށެވެ.
ދައުލަތް ހިންގުމުގެ ހަރަދު ދެކޮޅު ޖައްސަން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެފަހުން، ސަރުކާރުން ވަނީ ދަރަނި މެނޭޖުކުރުމާއި ބަޖެޓު ފޫބެއްދުމަށް ވަރުގަދަ ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލައި ތަންފީޒުކުރަން ފަށައިފަ އެވެ.
އައިއެމްއެފް އިން ވެސް މަރުހަބާ ކިޔާފައިވާ އެ ރިފޯމް އެޖެންޑާގެ ދަށުން، ދައުލަތުން ކުރާ ހޭދައިގެ އިސްރާފު ކުޑަކުރުމަށްޓަކައި، ބޮޑެތި ހަފްލާތައް ބޭއްވުމާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް މަދުކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.