ހުޅުމާލޭގައި ކެމްޕޭނު މެޓީރިއަލް ހަރުކުރާނަމަ އެކަން ކުރާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން އެކަމަށް އިލްތިމާސްކޮށްފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކެމްޕެއިން ބެނާރ އާއި ކެންވަސް ޖެހުމާއި ގުޅޭގޮތުން އެ ކޯޕަރޭޝަނުންމިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
މި ނޫސްބަޔާނުގައި އެ ފަރާތުން ބުނެފައިވަނީ ރާއްޖޭގައި ބޭއްވޭ އާއްމު އިންތިހާބުތަކާ ގުޅިގެން ކެންޕެއިން ބޭނާއާއި ކެންވަސް ފަދަ މެޓީރިއަލް ހަރުކުރުމުގެފުރުސަތު، ހުރިހައި ފަރާތްތަކަށްވެސް ހަމަހަމަ ކަމާއެކު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
އެ ސަރަހައްދުތަކުގައި އާއްމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސާވިސް ޕްރޮވައިޑަރ އިން ކަނޑައަޅާފައިވާ ނެޓްވާކް ތަކަށް ގެއްލުން ނުވާނެހެން މަސައްކަތްކުރިއަށް ގެންގޮސްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ނޫސްބަޔާނުގައި އެޗްޑީސީއިން ބުނެފައިވެއެވެ.
މީގެ އިތުރުން
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި މިފަދަ ކެންވަސް ތަކާއި ބެނާރތައް ހަރުކުރާ ފަރާޓްތައް މި ކަމަށް ސަމާލުވެލައްވައި، ކެމްޕެއިންމެޓީރިއަލް ހަރުކުރުމުގެ ކުރިން އެ ކޯޕަރޭޝަންގެ ހުއްދަ ހޯއްދަވައި، ކޯޕަރޭޝަންގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް ދަންނަވާކަމަށާއި މިކަމާ ގުޅޭއިތުރު މައުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަނުގެ ބިޒްނަސް ސޮލިއުޝަނުގެ ނަމްބަރ 3355306 ނުވަތަ biz.solutions@hdc.mv އަށްއީމެއިލްކޮށް ދެއްވުން އެދޭކަމަށެވެ.