ހަތްދިހަ ހަތް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ކަމަށް ކޮންސްރަކްޗަން އެންޑް އިންފްރާސްރަކްޗާގެ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްތަލިބް މިހެން ވިދާޅުވީ ރޭޑިއޯ ބިލްޑިންގެ ސެނަކޯ މާލަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ޖުމުލް 177 މަޝްރޫއުއެއް ކޮންޓްރެކްޓްކޮށް 97 ރަށެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި އޭގެތެރެއިން 30 މަޝްރޫއުއެއް ވަނީ ހުއްޓިފައިކަމަށެވެ.
އެމަސައްކަތްތައް ހުއްޓިފައި ހުރުމުގެ އެއް ސަބަބަކީ އެމްޓީސީސީން ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ، މިސާލަކަށް ތެޔޮ ނުލިބުން އަދި ހިލަ ގެނައުމަށްޓަކާ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާ މިކަހަލަ މަސައްކަތްތައް ހުރުމުގެ ސަބަބަުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެން ނަމަވެސް، މިހާރު އެމްޓީސީސީގެ މެނޭޖުމަންޓާއި ސަޕްލަޔަރުން މަސައްކަތް ކޮށްގެން ސަޕްލަޔަރުންނަށް ޕޭމަންޓްތައް ދެއްކުމުން، ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި ސަރުކާގެ ތެރެއިން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިން ނަމަވެސް ހިލަ ގެނައުމަށް ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ