ޑްރަގު މައްސަލާގައި ކުށް ސާބިތުވީ ފަރާތް ޖޫރިމަނާ އާއި އެކު 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވައިފިއެވެ.
މި މައްސަލައަކީ 2021 ވަނަ އަހަރު ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކައިރިން ފުލުހުން ހިފެހެއްޓި ޓެކްސީއެއްގެ ޑިކީ ތެރޭގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 24 ރަބަރު ޕެކެޓާއި ބެކްޕެކެއްގެ ތެރެއިން 4 ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ދައުލަތުން ދަޢުވާ އުފުލި މައްސަލައެކެވެ.
މި މައްސަލައިގައި ތިން ފަރާތެއްގެ މައްޗަށް ވަނީ ދައުވާ އުފުލާާފައެވެ. އެއީ،
-
އަހުމަދު މުޖާހިދު، 29އ – ގދ. ހޯޑެއްދޫ/އަލޯރާ
-
އަލީ ޒުބައިރު، 52އ – ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ
-
އަހްމަދު ސުނައިނު، 25އ – ގދ. ހޯޑެއްދޫ/އިރުމަތީގެ އެވެ.
ނަމަވެސް މީގެ ތެރެއިން ދައުވާ ސާބިތުވެފައިވަނީ ގދ. ހޯނޑެއްދޫ / ގުލޭނޫރަންމާގެ އަލީ ޒުބައިރުގެ މައްޗަށެވެ. މި ކުށުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މައްސަލައިގެ ޙުކުމް އިއްވަމުން މައްސަލަ ބެއްލެވި ޤާޟީ އިބްރާހިމް އިހްސާން ވަނީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 25 އަހަރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ބަންދުގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޒުބައިރު ޖަލުގައި ހޭދަކުރަން ޖެހެނީ 22 އަހަރާއި 8 މަސްދުވަހެވެ.