މިސްކިތްތައް ފޮޅާ ސާފުކުރަން ތިން އަހަރުގެ ކޮންޓްރެކްޓަކަށް ދިވެހިން ހޯދަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެގޮތުން މިދިޔަ މަހު ސިޓީ ކައުންސިލުން ވަނީ މިސްކިތްތައް ފޮޅާ ސާފުކުރުމަށް 114 މީހުން ހޯދުމަށް އިއުލާން ކޮށްފައެވެ. ނަމަވެސް އެކަށީގެންވާވަރަށް މީހުން ކުރިމަތި ލާފައެއް ނުވެއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ 114 ވަޒީފާއަށް އިއުލާން ކުރުމުން ކުރިމަތީ އެންމެ 14 ދިވެހިންކަމަށާއި މި މަސައްކަތަށް ދިވެހިން ލިބުމަށް ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވެފައިވަނި އެއް އަހަރަށް ކޮންޓްރެކްޓް ކުރުމުން ކަމަށެވެ.
އިންޓަވިއު އަށް އައިސްފަވެސް ބައެއް މީހުން ވަޒީފާ ބޭނުން ނުވޭ އެއް އަހަރުދުވަހަށް ކޮންޓްރެކްޓު ހަދާތީ. އެހެންވީމަ މި އުސޫލު ބަދަލުކުރީމަ ދިވެހީން ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދު މި ކުރަނީ– އާޒިމް
ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އާޒިމްވަނީ ސިޓީ ކައުންސިލުން އެއް އަހަރުދުވަހަށް ނަގާ މުވައްޒަފުން 3 އަހަަރަށް ނަގާގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ސިޓީ ކައުންސިލުންވަނީ އެގޮތަށް ބަދަލު ކުރުމަށް ފާސް ކޮށްފައެވެ