އިސްލާމީ ދުނިޔޭގެ މުއްސަނދިކަން ހާމަވާ ބައެއް މިސްކިތްތައް – އަޖައިބުކުރުވަނިވި އެތައް ވާހަކަތަކެއް!

ޝައިޚް ޒައިދު މިސްކިތް، އަބޫދާބީ – ފޮޓޯ: ޕްލެނެޓްއޮފްހޮޓެލްސް

މިސްކިތްތަކަކީ މުސްލިމުންނަށް ދީނީ ގޮތުން އެންމެ މުހިންމު ބިނާތަކެވެ. މިފަދަ ބައެއް މިސްކިތް ތަކަކީ ކޮންމެ މުސްލިމަކު ވެސް ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެއް ހިމެނޭ ތަންތަނެވެ. މުސްލިމުންނަނީ އަބަދުވެސް މުއްސަނދި ސަގާފަތަކާ ހުނަރުވެރިކަން ގެންގުޅުން ބައެކެވެ. ހިތްވަރުގަދަކަމާ ދެކޮޅުވެރިންނާ ކުރިމަތި ލުމުގައި ހިކުމަތުގެ ބޭނުން ހިފަން ދަންނަ ބައެކެވެ. އަހަރެމެންގެ މާތް ނަބިއްޔާ މި އުންމަތައް ދަސްކޮށްދެއްވާފައިވަނީ އެފަދަ ރީތި އާދަތަކެވެ.

އެގޮތުން ފާހަގަކޮށްލެވޭ ބައެއް މިސްކިތްތަކަކީ:

1. މަސްޖިދުލް ހަރާމް

މަސްޖިދުލް ހަރާމް

ސައުދީގެ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމް އަކީ މުސްލިމުންނަށް ދެވަނަ ތައާރަފަކަށް ބޭނުންވާނެ ތަނެއް ނޫނެވެ. މިއީ އިސްލާމްދީނުގައިވެސް އެންމެ މަތިވެރި އަދި މާތް އެއްތަނެވެ. އަދި މިއީ ދުނިޔޭގައި ބިނާކޮށްފައިވާ އެންމެ ބޮޑު މިސްކިތްވެސް މެއެވެ.

މިގޮތުން މަސްޖިދުލް ޙަރާމް ބިނާކޮށްފައިވަނީ 400،800 ސްކުއަރ މީޓަރުގެ ސަރަހައްދެއްގައި، 4 މިލިއަން މީހުންނަށް އެރޭ ގޮތަށެވެ.

2. ސުލްތާން އަހުމަދު މިސްކިތް (ދަ ބްލޫ މިސްކިތް)

އިސްތަންބޫލްގެ ދަ ބްލޫ މިސްކިތް

އިސްތަންބޫލަކީ ދުނިޔޭގެ އެންމެ ހައިރާން ކުރުވަނިވި ގިނަ މަންޒަރުތައް ފެންނަ ތަނަކަށް ވާއިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަންޒަރުތަކަކީ ދަ ބްލޫ މިސްކިތް ހުންނަ ތަނެވެ.

މި މިސްކިތަކީ 1609-1616 އާ ދެމެދު އުސްމާނީ ސުލްތާން އަހްމަދު އަލްމަރުހޫމް ބިނާކުރެއްވި މިސްކިތެކެވެ. މިއީ އުސްމާނީ ސަގާފީ އާކިޓެކްޗަރުންގެ އެންމެ މުހިންމު އެއް މިސާލެއްގެ ގޮތުގައި ބެލެވޭ މިސްކިތެވެ. މި މިސްކިތުގެ އެތެރެ 20،000 އަށް ވުރެ ގިނަ އަތުން ކުލަ ޖަހާފައިވާ ސެރަމިކް ޓައިލްސް އިން ނިވާކޮށްފައިވާއިރު، އެ ޓައިލްސްތަކުގައި މަލާއި ޖިއޮމެޓްރިކް ފަރުމާތަކުގެ އިތުރުން ކީރިތި ޤުރުއާނުގެ ކަލިގްރަފިކް ލިޔުންތައް ވެސް ހިމެނެއެވެ.

ބްލޫ މިސްކިތް

ސުލްތާން އަހުމަދު މިސްކިތުގެ ނަމުން ވެސް ނަންދެވިފައިވާ ބްލޫ މިސްކިތަކީ އިސްތަންބޫލްގެ އެންމެ މަޝްހޫރު އަދި ފާހަގަކޮށްލެވޭ އެއް ލޭންޑްމާކް އަދި އިސްލާމީ އާކިޓެކްޗާ އާއި ތާރީހަށް ޝައުގުވެރިވާ ދަތުރުވެރިން ޒިޔާރަތް ކުރާ މަންޒިލެކެވެ.

3. މެލޭޝިޔާގެ ނޭޝަނަލް މިސްކިތް

މެލޭޝިއާގެ ނޭޝަނަލް މިސްކިތް

މެލޭޝިއާގެ ނޭޝަނަލް މިސްކިތަކީ 1963 އާއި 1965 އާ ދެމެދު ބިނާކޮށްފައިވާ ގައުމީ ތަރިކައެކެވެ. މެލޭޝިޔާގެ މިނިވަންކަމުގެ ހަނދާނުގައި ނޭޝަނަލް މިސްކިތެއް އެޅުމުގެ ހިޔާލަކީ އެ ގައުމުގެ މިނިވަންކަމުގެ ރަސްމިއްޔާތުގެ މަހެއްހާ ދުވަސް ކުރިން ފެޑެރަލް އެގްޒެކެޓިވް ކައުންސިލުން ހުށަހެޅި ހިޔާލެކެވެ.

މި ތާރީހީ މިސްކިތުގެ ޑިޒައިން ކުރުމަށް ގާތްގަނޑަކަށް ތިން އަހަރު ހޭދަވިއިރު، އިންޑިއާ، ޕާކިސްތާން، އީރާން، ތުރުކީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ސްޕެއިންގެ މިސްކިތްތަކުން ވަނީ ނަމޫނާ ނަގައިގެންނެވެ. މިއީ އިރުމަތީ ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް މިސްކިތްކަމުގައިވާއިރު މިއީ 15،000 މީހުންނަށް ޖާގައިގެ މިސްކިތެވެ.

މެލޭޝިއާގެ ނޭޝަނަލް މިސްކިތް

މީގެ އިތުރުން މި މިސްކިތުގެ ހާއްސަ ކަންތައްތަކުގެ ތެރޭގައި 73 މީޓަރު އުސްމިނުގެ މުންނާރާ ނަމާދުކުރާ މައި ހޯލުގެ ކުރިމަތީގައި ހުންނަ ގެލެރީތަކުގެ، ތަނބުތަކުގެ އިތުރުން މިސްކިތުގެ ގޯތިތެރޭގައި ހުރި ފައުންޓަންތަކާއި ޕޫލްތަކާ، ރެއިންފޯލްތައް ފާހަގަކޮށްލެވެ.

މި މިސްކިތުގެ ބޮޑެތި މަރާމާތުތައް 1987 ވަނަ އަހަރު ކޮށްފައިވާއިރު، ކޮންކްރީޓް ޑޯމްގެ ފިޔާތޮށި ކުލަ ބަދަލުކޮށް، އިތުރަށް ފާހަގަކޮށްލެވޭ ގޮތަށް ފެހި އަދި ނޫ ކުލައަކަށް ބަދަލުކޮށްފައިވެއެވެ.

4. އަފްގާނިސްތާނުގެ ހަޒްރަތު އަލީ މަޒާރް (ބްލޫ މިސްކިތް)

އަފްގާނިސްތާނުގެ ހަޒްރަތު އަލީ މަޒާރް (ބްލޫ މިސްކިތް)

އަފްގާނިސްތާނުގެ އުތުރުން މަޒާރް-އައި ޝަރީފްގައިވާ ނޫކުލައިގެ މި މިސްކިތަކީ އަފްގާނިސްތާނަށް ޒިޔާރަތްކުރުމުގެ ނަސީބު ލިބިފައިވާ ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ އެއް މަންޒިލެވެ. ގާތްގަނޑަކަށް 22،000 އަކަފޫޓޫގެ (ސްކޮޔާ ފުޓް) ގެ މި ތަނަކީ ބޮޑު ކޮމްޕްލެކްސް އެކެވެ. ނަމާދުކުރާ ބަޔެއްގެ އިތުރުން ކުޑަ ދާރުލް އާސާރަކާއި އެއްވެ އުޅެވޭނެ ޖާގައެއްގެ އިތުރުން ގިނަ އަދަދެއްގެ މަގުބަރާތަކެއްވެސް މިތަނުގައި ހުރެ އެވެ.

ހުދު ކަަފަކޮޅެއްހާ ސާފު ރީތި ކޮތަރުތަކުން މުޅި މި ސަރަހައްދު ފަޅުފިލުވައިދޭއިރު މި ތަނަށް ހަޒްރަތު އަލީ މަޒާރްގެ ނުވަތަ އަލީގެފާނުގެ މަގްބަރާގެ ނަންވެސް ދެވިފައިވެ އެވެ. ބުނެވޭ ގޮތުގައި އަލީގެފާނުގެ ހަށިކޮޅު ވަނީ އިސްލާމީ ތާރީހުގެ ކުރީކޮޅު އިރާގުން އުތުރު އަފްގާނިސްތާނުގެ މި ސަރަހައްދަށް ބަދަލު ކުރެވިފަ އެވެ. މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެވުނީ 12 ވަނަ ގަރުނުގައި ކަމަށްވެ އެވެ.

5. މޮސްކް-ކެތީޑްރަލް އޮފް ކޯޑޯބާ

މޮސްކް-ކެތީޑްރަލް އޮފް ކޯޑޯބާ

ސްޕެއިންގެ ދެކުނުގެ މެދުތެރޭގައި ހުންނަ ކޯޑޯބާ މިސްކިތަކީ މޫރިޝް އާކިޓެކްޗަރގެ ލާމަސީލު މިސާލެކެވެ. މިތަން ބިނާކުރެވިގެން ފުރަތަމަ ދިޔައީ ފައްޅިއެއްގެ ގޮތުގައެވެ.

ނަމަވެސް 8 ވަނަ ގަރުނުގައި ސްޕެއިންގައި އިސްލާމް ދީން ފެތުރެން ފެށުމުން މިތަން ދެބައިކޮށްލާ، އެއްބައި ފައްޅި، އަނެއްބައި މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ފެށިއެވެ.

1984 ކުން ފެށިގެން ވޯލްޑް ހެރިޓޭޖް ލިސްޓުގައިވެސް އިންނަ މި މިސްކިތަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. މި މިސްކިތުގެ ރީތި ކަން ބަލާލަން އަހަރަކު އެތައް ހާސް ފަތުރުވެރިން މިތަނަށް އާދެއެވެ.

އެހެންކަމުން މިފަދަ ރީތި ބިނާ ތަކުގެ މައުލޫމާތު އިނގިފައި އޮތުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

ގުޅުންހުރި