މެއި މަހު އެންމެ ލަސްވެގެން އީ ވޮލެޓު ތައާރަފް ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް ހިނގާ ކަމަށާއި އުއްމީދުކުރަނީ މެއި މަހުގެ ތެރޭގަ އެންމެ ލަސްވެގެން އީވޮލެޓުގެ ތައާރަފުކުރެވޭނެ ކަމަށެވެ.
އެކަމަށް މަސައްކަތްތައް ވަރަށް ބާރަށް އެބަ ހިނގާ. އަޅުގަނޑުމެން އުންމީދު ކުރަނީ އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ތައާރަފު ކުރެވޭނެ ކަމަށް،– ރައީސް
މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް އެ ދުވަހު ވިދާޅުވެފައިވަނީ ރާއްޖޭގައި އީވޮލެޓްގެ ޑިޖިޓަލް ހިދުމަތް ގާއިމުކޮށް، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން ރާއްޖެއަށް އޮންލައިން ޕޭމަންޓު ސިސްޓަމްތައް ގެނެސް އެ ސިސްޓަމްތައް މެދުވެރިކޮށް ފައިސާ ނެގޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ރިޔާސީ ކެމްޕޭނުގައި އޮގަސްޓު 21، 2023 ގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަވާ ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އިންޓަނެޓް ވިޔަފާރިއަށް ފަސޭހަކޮށްދ،ީ ފުޅާކޮށް އެކަން ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި ގާނޫނީ ގޮތުން ގެންނަންޖެހޭ ކުރިއެރުންތަކާ ބަދަލުތައް ގެންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.