އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދުު ދުއްވަން އެ ގައުމުގެ ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލަން ކަމަށް ވާތީ ބެއްލެވީ އެންމެ ކުރު މުއްދަތެއްގައި އަދި އެންމެ އަވަހަށް އެކަން ކުރޭވެނެ މަގެއް ހޯދަން ކަމަށެވެ.
ރާއްޖޭގައި ތިބ އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގެ ވައުދާ އެކު، ތިން ޕްލެޓްފޯމުގެ ތެރެއިން އައްޑޫ ގަމުގައި ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާގެ ސިފައިން ވަނީ މި މަހު ރާއްޖެ ދޫކޮށް ގޮސްފައެވެ. އެގޮތުން އެއްބަސްވި ތާވަލާ އެއްގޮތަށް ސިފައިންގެ ފުރަތަމަ ބެޗް ފޮނުވާލައި ބަދަލުގައި ސިވިލިއަނުން ގެނެސް އައްޑޫގައި ވަނީ ގާއިމު ކޮށްފައެވެ.
ރައީސް ވިދާޅުވީ ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް ކަމަށާއި އެއީ ދާއިމީ ބައެއް ނޫން ކަމަށެވެ. އަދި އިންޑިއާގެ ސިފައިން ފޮނުވާތީ ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، ދިވެހި ސިފައިން އަމިއްލަ އަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ނިންމުމަކީ އިންޑިއާއާ ދުރުވުން ނޫން ކަމަށެވެ.
އެ ގޮތަށް ބަޔަކު ޕިޗް ކުރަން، ޕޯޓްރޭ ކުރަން އުޅުމަކީ ވަރަށް ދެރަކަމެއް. އިންޑިއާ އިން ވެސް އަމިއްލަ އަށް ނޫންތޯ އިންޑިއާގެ ސަރަހައްދު ބަލަހައްޓާނީ. އަދި އެހެން ގައުމަކުން ވެސް. އަޅުގަނޑުމެންގެ ސަރަހައްދު މިއޮތް ހާ ދުވަހު އިންޑިއާ އާއި އެކި ގައުމުތަކުގެ އެހީތެރިކަމާ އެކީގައި ބެލެހެއްޓުނުކަމީ ހަމަ އަޅުގަނޑު ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަމެއް،– ރައީސް
ރައީސް އިތުރަށް ވިދާޅުވީ، އެއީ ދިވެހިންގެ މިނިވަންކަން ކަށަވަރު ކުރަން ސަރުކާރުން ކުރާ ކަމެއް ކަމަށާއި އެއީ އިންޑިއާއާ ދުރުވުން ނުވަތަ ޗައިނާއާ ކައިރިވުން ކަމަށް ދައްކަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.