ކުރީގެ ޔޫޕީއެސްގައި މަސައްކަތް ކުރި މީހެއް ޔޫޕީއެސްގެ ވެއަރހައުސްއިން 1.3 މިލިއަން ޑޮލަރުގެ އެޕަލް ޕްރޮޑަކްޓް 10 އަހަރުގެ މުއްދަތެއްގެ ތެރޭގައި ނަގާފައިވާ ކަމަށް ތުހުމަތު ކޮއްފިއެވެ.
ޔޫޕީއެސް ވިނިޕެގް, ކެނެޑާގެ ވެއަރހައުސް އިން މުދާ ވަގަށް ނަގާ އެ ކެނެޑާގެ މައްޝޫރު މާކެޓްޕްލޭސް އެއް ކަމަށްވާ ކިޖީޖީގައި ވިއްކި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ވައްކަމުގެ ދައުވާ ވަނީ އުފުލާފައިއެވެ.
ކޯޓަށް ހުށައަޅާފައިވާ ލިޔެކިޔުންތަކުން އިންގޭ ގޮތުގައި 30 އަހަރުގެ އޮރވިލް މާޓިރޭޒް ބެލްޓްރާނޯ ވަނީ 1.3 މިލިއިން ޑޮލަރުގެ 866 އެޕަލް ޕްރޮޑަކްޓް ޔޫޕީއެސް އިން ވަގައް ނަގައި ކިޖީޖީގައި ވިއްކާފައިއެވެ. ކޯޓަށް ހުށައަޅާފައިވާ ހެކިތަކުގެ ތެރޭގައި ނުހައްގުން ކުއްލި މުއްސަދި ވުމުގެ ހެކިތައް ހުށައަޅާފައިވެއެވެ. އޭގެ ތެރޭގައި ދެ ލައްކަ ތިރީސް ހާސް ޑޮލަރު އެއްފަހަރާ އެކައުންޓަށް ޖަމާވަމާއި, 630,000 ޑޮލަރުގެ ގެއެއް ކުއްލި ގޮތަކަށް ގަތުމާއި އަދި އޭނާގެ ކާރު ލޯން ކަމުގައިވާ 60,000 ޑޮލަރު އެއްފަހަރާ ދެއްކުން ހިމެނެއެވެ.
މި އަހަރުގެ ޖެނުއަރީގައި ފުލުހުން އޭނާ ހައްޔަރުކޮށް ސުވާލު ކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފު ވެފައިއެވެ. އަދި އޭނާގެ ކާރުން ފެނުނު ފައިސާ އަކީ ވެސް ވަގައް ނެގި މުދާ ވިއްކައިގެން ހޯދި ފައިސާ ކަމަށް ބުނެފައިއެވެ. މިއާއި އެކުގައި އޭނާގެ ގެ, ކާރު އަދި އޭނާގެ ބޭންއެކައުންޓާއި އޭނާގެ އަތުން ފެނުނު ނަގުދު ފައިސާ ކޯޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ.