ރޭ ސަލްޓަން ޕާކުގައި ހުރި ބޯޑުތަކަށް ގެއްލުން ދިން ބަޔަކު ފުލުހުން ހޯދަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޭގެ ވަގުތު ސަލްޓަން ޕާކުގައި ހުރި ބޯޑުތަކަށް ގެއްލުން ދިން ބަޔަކު ފުލުހުން ހޯދަން ފަށާފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މި ކަން ހިނގީ ރޭގެ ތަރާވީސް ވަގުތާ ދިމާކޮށް ސެކިއުރިޓީ ވެސް ނެތް ވަގުތުގައި ކަމަށާއި، ގެއްލުންދިން ކަމަށް ތުހުމަތު ކުރެވެނީ ގާތްގަނޑަކަށް 18 އަހަރުގެ ހަތަރު ވަރަކަށް ކުދިންނަށް ކަމަށެވެ.
އެ ކުދިން ރުޅި އަންނަނީ. 12 އަހަރުން މަތީގެ ކުދިންނަކަށް ނޭރޭނެ ނެޓަކަށް. އެހެން ނޫނަސް ދެނަމާދު ދޭތެރޭގައި އެކުދިން އެތަނަށްދާ ކަމަށްވޭ،– ޝަތުފާ
ޝަތުފާ ވިދާޅުވި ގޮތުގައި ސަލްޓަން ޕާކުގައި ކުޑަކުދިން ކުޅެން ހަރުކޮށްފައި ހުންނަ ނެޓަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވޭ ކުދިން އެރިޔަނުދޭން ސެކިއުރިޓީން މަސައްކަތް ކުރުމުން، ސެކިއުރިޓީއާ ދިމާލަށް ހަޅޭއްލަވައި ހަދާފައިވާ ކަމަށެވެ.