ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މާފު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް ލުއިދީ، ނުވަތަ މައާފުދިނުމަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި ދަންނަވަމުން ގެންދާ ކަމަށެވެ.
ރައީސް ވަނީ، އަދި ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރުމަށް ގޮވާލައްވާފައެވެ.
ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯޑްކޮށްގެން ގެންގުޅުނު މައްސަލައެއްގައި ފުލުހުން ދައުވާކުރަން ފޮނުވި މީހާއަށް ދައުވާނުކޮށް، ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނީ އިއްޔެއެވެ.
އެ ގޮތަށް ކަންކުރި ސަބަބު އޮޅުންފިލުވައިދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުމުގެ ވަކި ކުށެއް ގާނޫނުގައި ނޯންނަ ކަމަށެވެ. އޮންނަނީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ކަމަށާ، އެ ކުށުގެ އަދަބަކީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން މި މަހު 17 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކުޑަކުދިންގެ އޮރިޔާން ގެންގުޅޭ ބައެއްގެ މައްސަލަތަކެއް ބަލަމުން އަންނަކަން ހާމަކޮށްފައެވެ.