ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް މީހުން އަމިއްލަގޮތުން ވާދަކުރާއިރު އެމީހުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ޕީއެންސީގެ ލީޑަޝިޕްގެ ތާއީދު ކުރައްވާތީ ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން ވަކިކުރަން މިހާރު އާންމު ރައްޔިތުންނަށް އުނދަގޫވާ ހިސާބަށް ގޮއްސިކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބުގައި މަކުނުދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ރާއީއަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާމެދު އެއްވެސް އޮޅުމެއް ނޯންނާނެކަށާއި އެގޮތުން އެ ޕާޓީގެ ކެންޑިޑޭޓުންނަކީ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރި މީހުންނާއި ޕްރައިމަރީއަކާނުލާ ޓިކެޓް ލިބުނު މީހުންކަމަށާއި އެ ނޫންބަޔަކު އެމްޑީޕީގެ ނަމުގައި އެމްޑީޕީގެ ތާއީދާއެކު ކުރިމަތިލައިގެން ނޫޅޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ޝާހިދު މިހެން ވިދާޅުވިއިރު، ސަރުކާރުން ދަނީ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުން ތިއްބާ ޕްރައިމަރީން ކާމިޔާބުނުވި ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.