ޑިމާންޑް ދަށްވެ ކަނޑޫދޫ މިރުހުގެ އަގު ބޮޑުތަނުން ދަށަށް ގޮއްސިއެވެ.
ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 750ރ. ގައި ނަމަވެސް މިދިޔަ ހަފްތާގައި ކަނޑޫދޫ މިރުގެ އަގު 500-400އާ ދެމެދަށް ވެއްޓުމަށް ފަހު އަނެއްކާ ވެސް ވަރަށް ބޮޑަށް ކަނޑޫދޫ މިރުހުގެ އަގު ވަނީ ހެޔޮވެފައެވެ.
ކަނޑޫދޫ މިރުސް 100 ގްރާމް މިއަދު ހުރީ 25-30ރ. އާ ދެމެދުގައި ކަމަށް ލޯކަލް މާރުކޭޓުގެ ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. ކަނޑޫދޫ މިރުހުގެ އަގު އެއްވެސް ރޯދަމަހެއްގައި މިހާ ދަށެއް އަދި ނުވެއެވެ.
ކަނޑޫދޫގެ ރަށުގެ 90 ޕަސެންޓެއްހާ މީހުން ދަނޑުވެރިކަމުގައި އުޅޭއިރު މި ރޯދަ މަސް ފެށުނުއިރު ހަފްތާއަކު 150-100 ވަރަކަށް ކިލޯގެ މިރުސް ދަނޑުވެރިން ކަނޑާއިރު، އެރަށުން މައުލޫމާތު ލިބުނު ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ މެދު ތެރޭގައި ކަނޑޫދޫ މިރުހުގެ ޑިމާންޑް ދަށްވެ ޑިމާންޑް އަލުން ފަހު ދިހައެއްގައި އިތުރުވެއެވެ.