މާލޭގެ ލޯކަލް މާރުކޭޓުގައި ވަރަށް ބޮޑަށް ކަރާގެ އަގުތައް ދަށްވެއްޖެ އެވެ.
ލޯކަލް މާރުކޭޓުގައި މިހާރު އެންމެ ގިނައިން ތޮއްޑޫ ކަރާ ހުރި އިރު، މިހާރު ކަރާ ކިލޯއެއްގެ އަގު ހުރީ 15-18ރ. އާ ދެމެދުގަ އެވެ.
ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއް 22-25ރ. އާ ދެމެދުގައި ހުރި ނަމަވެސް މީގެ ހަފުތާއެއް ކުރިން ކަރާގެ އަގު ވަނީ ހެޔޮ ވާން ފަށާފައިއެވެ.
މި ރޯދަ މަހު، ކަރާގެ އަގު ބޮޑުވާނެ ކަމަށް ވެސް ނުބެލެވެ އެވެ.
މާރުކޭޓަށް އެންމެ ގިނައިން ކަރާ ގެންނަނީ އއ. ތޮއްޑޫ އާއި ށ. ގޮއިދޫ އާއި ތ. ކަނޑޫދޫ އަދި ކ. ކާށިދޫންނެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި ކަރާގެ އަގު އާންމުކޮށް އުފުލެނީ މޫސުން ގޯސްވެ، ރަށްރަށުން ބާޒާރަށް ކަރާ ގެނައުމަށް ދަތިވާ ކަމުގައިވާ ނަމަ އެވެ.
ރޯދަ މަހާ ދިމާކޮށް އާންމުކޮށް ގިނަ އަދަދަކަށް ކަރާ ހައްދާއިރު މިހާރު ބާޒާރުގައި ހުރި އަގަކީ މީގެ ކުރިން ރޯދަ މަސްތަކާ ބަލާއިރު ހެޔޮ އަގެކެވެ. މީގެ ކުރިން ކިލޯއެއް 35ރ. އަށް ވެސް ވަނީ ވިއްކާފައިއެވެ.