ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ ހިދުމަތްތަކަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް އައިސް ބޮޑެތި ލުއިފަސޭހަ ބަދަލުތަކެއް އަންނާނެ ކަމަށް ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމާން ވަޙީދު ވިދާޅުވެއްޖެ އެވެ.
ޝަމާން މިހެން ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަނަށް 74 އަހަރު ފުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައިއެވެ.
މި ބަޔާނުގައި ޝަމާން ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވި އިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ އިމިގްރޭޝަންގެ ތެރޭގައި މުވައްޒަފުންގެ މެދުގައި މީގެ ކުރިީގެ ދުވަސް ތަކުގައި އޮތް ބަދަހި ގުޅުން ހީނަރުވެފައިވާކަމަށެވެ. މުއައްސަސާގެ އެންމެ މުހިންމު ބަޔަކީ މުވައްޒަފުންނަށްވާއިރު އެ ގުޅުންތެރިކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް މިވީ މަދު ދުވަސްކޮޅުތެރޭ ވެސް ކުރައްވާފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށް ޝަމާން ވިދާޅުވި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް އިމިގްރޭޝަނުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ލުއިފަސޭހަކަމާ އެކު ފޯރުކޮށް ދިނުމަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި ޕާސްޕޯޓާ ގުޅޭ ހިދުމަތް ލުއިފަސޭހަކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ދިވެހިން ހޯދާ ހިދުމަތްތަކަށް ލުއިފަސޭހަ ބަދަލުތަކެއް ގެންނެވުން ހިމެނޭ ކަމަށް ޝަމާން ވިދާޅުވިއެވެ.
މީގެ އުތުރުން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން ދެމުން އަންނަ ހިދުމަތްތައް ދެގުނަ އަވަސްކޮށްފައިވާކަން ޝަމާން ފާހަގަކުރެއްވިވެ.
ޝަމްއާން ވިދާޅުވީ މި އަހަރު ވެގެންދާނީ އިމިގްރޭޝަންގެ މަސައްކަތްތައް ޒަމާނީވެ މުވައްޒަފުންގެ ގުޅުން ހަރުދަނާ ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރަކަށް ކަމަށެވެ.