ކުރިއަށް ވުރެ 20 ލާރި ހެޔޮކޮށް ރާއްޖޭގެ ބާޒާރުން މިހާރު ޑޮލަރު ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުންނެވެ.
ސައީދު ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލައި، ޑޮލަރުގެކުރި މަތީގައި ރުފިޔާ ބާރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށާއި މިއަދު ދިވެހި ބާޒާރުން ކުރިއަށް ވުރެ 20 ލާރި ހެޔޮކޮށް ޑޮލަރު ގަންނަން ލިބޭނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ރުފިޔާގެ ކުރިމަތީގައި ޑޮލަރުގެ އަގު ދަށްކުރުން ކަމަށާއި އެކަން ކުރަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ފައިބައި ވަޑައިގެންނެވީ “ހިތުން” ބޮޑު ދަންތުރައެއްގައި ރާއްޖެ ޖައްސާފައި ކަމަށާއި އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ކުރިހާ ވެސް ކަމަކީ ރައްޔިތުން “ޕިންޕޮން” ބޯޅައަކަށް ހެދުން ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަކީ ކަނޑައެޅިގެން ހުސް ދޮގު ހައްދަވާ ބޭފުޅެއް ކަމަށާއި ޝާހިދަށް ޕާޓީގެ ލީޑަޝިޕް ލިބުމަކީ އެމްޑީޕީ އަށް ވެސް ލިބުނު މާޔޫސްކަމެއް ކަމަށެވެ.