ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކޮށްގެން ނޫނީ ދިވެހީންގެ ރާއްޖޭގެ ފޮނިމީރުކަމެއް ދިވެހީންނަށް ނުލިބޭނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހަސަން ވަހީދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ދިވެހީންގެ ރާއްޖެއަށް ދިވެހި ރައްޔިތުން މިސްރާބު ޖެހީ ކުރީ ސަރުކާރުގެ މިސްރާބު ކަމުނުގޮސްގެން ކަމަށާއި ރައްޔިތުން ވަނީ ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ދިވެހީންގެ ރާއްޖެއަށް ގެންދަން ނިންމާފައި ކަމަށެވެ.
އެހެންވީމާ ރައްޔިތުން މި މަސައްކަތް ފުރިހަމަކުރުމުގެ އަޒުމު ކަނޑައަޅަންވީ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދިވެހީންގެ ރާއްޖޭގެ ހުރިހާ ފޮނިމީރުކަމެއް ދިވެހީން އެދޭ ގޮތަށް ފުރިހަމަކުރުމުގެ އަޒުމު ކަނޑައަޅަންވީ. އެގޮތަކީ މިނިވަންކަން ޔަގީންކުރުމުގެ ގޮތް، ދިވެހިންގެ އިގުތިސާދު ދިވެހިންގެ އަތްމައްޗަށް ގެނެސް، ކުދިފަންތީގެ ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް އަދި މަތީފަންތީގެ ވިޔަފާރިތައް ވެސް ފުޅާވެ، މުއްސަނދިވެ، ރައްޔިތުންގެ ޖީބަށް އޭގެ ހެޔޮކަން ލިބޭ ގޮތް،– ރައީސް
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޓްރެކް ރެކޯޑާއި މިދިޔަ ފަސް އަހަރު މިސްރާބު ހުރީ ކޮން މަގަކުންކަން ބަލަންޖެހޭ ކަމަށާއި އިދިކޮޅުގެ މިސްރާބު ހުރީ ކޮރަޕްޝަނާއި އަޅުވެތިކަމުގެ ތެރެއަށް ކަމަށެވެ.