ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރެއްވުމުން އެ މައްސަލައިގައި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަނެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ހުސްވި ޖެނުއަރީމަހުގެ 29 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން މަޖިލީހުގެ ޖަލްސާގައި ތިން ބޭފުޅަކަށް ރުހުން ނުދޭން ފާސްކުރިއެވެ.
އެ ތިން ބޭފުޅުންނަކީ:
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
އެކަމާ ގުޅިގެން އީވާ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރެއްވުމަކީ، މީހަކު މަގާމަކަށް އިސްކުރުމަށްޓަކައި ނުވަތަ މަގާމަކުން ވަކިކުރުމަށްޓަކައި އެ މަޖިލީހަށް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމަށް ގާނޫނުއަސާސީން މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލައި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް މަތިކޮށްފައިވާ ޒިންމާ އާއި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށެވެ.
މީގެއިތުރުން މަޖިލީހުން ރުހުން ނުދޭ ފަރާތެއް އެ މަގާމަށް އައްޔަނެއް ނުކުރެވޭނެ ކަމަށާއި، އަދި ރުހުން ނުދިނުމަށް މަޖިލީހުން ފާސްކުރުމާއެކު، އެ ފަރާތެއް މަގާމުން ވަކިވީ ކަމަށް ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންކޮށްފައިވާ އިރު، މަޖިލީހުގެ ރުހުން ނުލިބޭ ތިން ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 43 މެންބަރުންގެ ތެރެއިން 33 މެންބަރުން ވޯޓު ދެއްވައިގެންނެެވެ. ގަރާރު ބަަލައިގަތުމަށް ނުފެންނަ ކަމަށް ހަ މެންބަރުން ވޯޓު ދެއްވިއެވެ.