ރައްޖޭގައި މަސައްކަތް ކުރުމަށް އަންނަ މީހުނަށް ދޫކުރާ ވޯކް ޕާމިޓް ބަންގްލަދޭސް ރައްޔިތުނަށް ދޫކުރުން އަނެއްކާވެސް ހުއްޓާލަން އެޅޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ބަންގްލަދޭސް މީހުނަށް ވޯކް ޕާމިޓް ދިނުން ހުއްޓާލަނީ ވަޒީފާއައި ބެހޭ ގާނޫންގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ގެނެވޭނެ އަދަދު ބަންގްލަދޭސް އަށް ހަމަވުމުންނެވެ. އެ ގާނޫންގައި ވާގޮތުން ކޮންމެ ގައުމަކުންވެސް ރާއްޖެ މަސައްކަތް ކުރަން ގެނެވޭނީ އެންމެ ގިނަވެގެން 100,000 މީހުންނެވެ.
ކުރީގެ ސަރުކާރުން 2019 ގައި ބަންގްލަދޭސް މީހުނަށް ވޯކް ޕާމިޓް ދިނުން ހުއްޓާލީ ކޮންމެ ގައުމަކުން އޭރު އެންމެ ގިނަވެގެން ގެނެވޭ އަދަދު ބަންގްލަދޭސް ކޯޓާއ ހަމަވެފައިވުމާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށަ ކަމަށް ބުނެއެވެ. ފާއިތުވި 4 އަހަރު ބަންގްލަދޭސް މީހުނަށް ވޯކް ޕާމިޓް ދިނުން މަޑުޖައްސާލައިފައި އޮތްކަމުގައި ވިޔަސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެދެވޭ ހައްލެއް ލިބިފައިނުވެއެވެ.
މިހާރުގެ ސަރުކާރުން ބަންގްލަދޭސް މީހުނަށް ވޯކް ޕާމިޓް ދިނުން އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރުގައި އެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އޭރު ވިދާޅުވީ ގާނޫނުގައިވާ އަދަދަށް ވުރެ ގިނަ މީހުނަށް ވޯކް ޕާމިޓް ދޫކޮއްފައިވާ ކަމަށް އެކްޕަޓް ސިސްޓަމްއިން ދެއްކި ކަމުގައިވިޔަސް ރާއްޖޭގައި މިހަރު ވޯކް ޕާމިޓްގައި ތިމީ 90،624 ބަންގްލަދޭސް މީހުން ކަމަށެވެ.
ޑިސެންބަރު މަހުން ފެށިގެން ވޯކްޕާމިޓްތަށް ދޫކުރަމުން ދިޔަ ނަމަވެސް މިހާރު ބަންގްލަދޭސް މީހުނަށް ވޯކް ޕާމިޓް އެކްޕަޓް ސިސްޓަމްއިން ދަނީ ރެޖެކްޓް ކުރަމުންނެވެ. ސަބަބަކަށް ބުނެފައިވަނީ ގާނޫނުގައިވާ ލިމިޓް ހަމަވެފައިވާ ކަމަށެވެ.