އާސަންދަ ހިދުމަތުގެ ދަށުން ބޭސްފަރުވާ ހޯދުމަށް ތައިލެންޑާއި ޔޫއޭއީ އަށް ބަލި މީހުން ފޮނުވާނީ ކޮން އިރަކުންތޯ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތަކުރާރުކޮށް އެއްސެވުމުން ވެސް، ސޯޝަލް އަދި ފެމިލީ މިނިސްޓަރު އާއިޝަތު ޝިހާމް އެ ސުވާލަަށް ޖަވާބެއް ނުދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ މި ނިންމުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު އާއިޝަތު ޝިހާމް ވަނީ ހާޒިރުކޮށްފަ އެވެ. ގިނަ މެންބަރުން ވަނީ މި ހިދުމަތް ދެވެން ފެށޭނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ.
އެ ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ. އައިޝަތު ޝިހާމް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ދެން ބަދަލު ކުރަން ނުޖެހޭނެ ފަދަ ސަސްޓެއިނަބަލް ނިޒާމެއް ގާއިމް ކުރުމަށް ކަމަށެވެ. ވީ އެންމެ އަވަހަކަށް އެ ތަފްސީލްތައް އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، މި އަހަރަށް އާސަންދަ އަށް ބަޖެޓުކޮށްފައިވާ އަދަދުގެ ތެރެއިން ތައިލޭންޑާއި ޔޫއޭއީން އާސަންދަ ބޭނުންކޮށް ފަރުވާ ހޯދޭޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން ކަވަރުކުރާނެ ހިދުމަތްތަކާއި ހަރަދުތައް ހަމަޖައްސާނެ ގޮތުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
އެއާއެކު ވެސް މިނިސްޓަރު ފާހަގަކުރެއްވި އެހެނިހެން ކަންކަމުގެ ތެރޭގައި:
- ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ބޭސް ލިބެނީ 7 ގުނަ ބޮޑު އަގަކަށް ކަން
- ދުނިޔޭގެ ބާޒާރުގައި ބޭސް ލިބެން ހުންނަ އަގަށް ވުރެ ރާއްޖޭގައި ބޭހުގެ އަގު 1.5 ގުނަ ބޮޑު ކަން
- 2018 ވަނަ އަހަރާ އަޅާ ބަލާއިރު އާސަންދައަށް ކުރެވުނު ހަރަދު މިދިޔަ އަހަރު 40 ޕަސެންޓު އިތުރުކަން
- ވޭތުވެދިޔަ ފަސް އަހަރު ދުވަހު އާސަންދައަށް ހިނގި ހަރަދު އެވަރެޖްކޮށް 61 ޕަސެންޓު އިތުރުކަން ހިމެނެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ހޭދައަށް ބަލާއިރު ރާއްޖޭގައި ސިއްހީ ދާއިރާއަށް ކުރާ ހަރަދުތައް ހުރީ ތަރައްގީވެފައިވާ ގައުމުތަކުން ކުރާ ހަރަދުތަކާ ގާތްގަނޑަކަށް އެއްވަރެއްގައި ކަމަށާއި، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ވުރެ ރާއްޖޭގެ ސިއްހީ ދާއިރާގެ ހަރަދުތައް ދެ ގުނަ ބޮޑު ކަމަށެވެ.
އާސަންދައިގެ ހިދުމަތް ފުޅާކޮށް އިތުރު ގައުމުތަކުން އާސަންދަ ލިބޭ ގޮތް ހަމަޖައްސަވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ ޖެނުއަރީ މަހުގައެވެ. އެގޮތުން އެންމެ މަތީ ފެންވަރުގެ ބޭސް ފަރުވާގެ ނިޒާމު އޮތް ޔޫއޭއީ އާއި ތައިލޭންޑަށް އާސަންދަ ފުޅާކުރައްވަން ނިންމަވާފައިވާ ކަމަށާއި، ރާއްޖެ އާ ދުރު، އަދި ބައެއް ހިދުމަތްތައް އަގުބޮޑު ގައުމުތަކަކަށް ވުމުން އާސަންދަ ދޭނީ ހުރުމުގެ ހަރަދާއި އެ ނޫން ކަންކަން ފަހިކޮށް ދިނުމަށް ފަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.