2022 ވަނަ އަހަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގައި ސުވާލު ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުން ފޮނުވާފައިވާ ޗިޓު ފައްޔާޒުވަނީ އެކްސްގައި ޕޯސްޓުކޮއްފައިއެވެ. އޭގައިވަނީ މާދަމާ 3:00 ޖަހާއިރަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް ހާޒިރުވުމަށެވެ. އަދި ފައްޔާޒު ހާޒިރު ސަބަބެއްކަމަށް މި ޗިޓްގައިވަނީ އާރުޑީސީގެ ހިޔާނާތުގެ މާލީ މަންފާ ފައްޔާޒުއަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލު ކުރުމަށެވެ.
އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ. އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން. އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ… pic.twitter.com/qDlicJ79pq
— Fayyaz Ismail (@faya_i) March 27, 2024
ޗިޓުގައިވާ ގޮތުން ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ އާރުޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، ހިންގާފައިވާ ހިޔާނާތުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލު ކުރުމަށެވެ
ފައްޔާޒު އެކްސްގައި ވިދާޅުވެފައިވަނީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިއްޖެ ކަމަށެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހިޔާނާތަކީ އެއްވެސް ހިގީގަތެއް ނެތް ވާހަކަތަކެއް ކަމުގައިއެވެ.
އާރުޑީސީގެ ހިޔާނާތުގެ މައްސަލައިގެ މައުލޫމާތު ދެމުން މި މަހުގެ 3 ގައި ފުލުހުން ބުނެފައިވަނީ ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމްލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. ކުރީ ސަރުކާރުގެ އިސް ފަރާތްތަކަށާއި އެ ފަރާތްތަކާ ގުޅުންހުރި ވިޔަފާރިތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވި މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.