މިއަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖޯޖިއާ އާއި ޕޮލެންޑް އަދި ޔުކްރޭން ކޮލިފައިވެއްޖެ އެވެ.
ޔޫކްރެއިން ކޮލިފައިން ޕްލޭއޮފްގައި ރޭ ވަނީ 2-1 އިން އައިސްލެންޑް ބަލިކޮށްފަ އެވެ. ވޭލްސް އަތުން ޕޮލެންޑް ވަނީ ޕެނަލްޓީ ޖަހައިގެން، 5-4 އިން މޮޅުވެ،ޔޫރޯ އަށް ކޮލިފައިވެފަ އެވެ. ޖޯޖިއާ ޔޫރޯ އަށް ކޮލިފައިވީ ގްރީސްގެ މައްޗަށް ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ.
މިއީ ޖޯޖިއާގެ ފުޓްބޯޅަ ތާރީހުގައި ވެސް އެގައުމު ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ޖޯޖިއާގެ ޑިނަމޯ އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނުއިރު، ލަނޑެއް ފެނިގެން ގޮސްފައެއް ނުވެ އެވެ. ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި ޖޯޖިއާ އިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ގްރީސް އިން ފޮނުވާލި ހަތަރު ޕެނަލްޓީގެތެރެއިން ކާމިޔާބު ކުރެވިފައިވާނީ ދެ ޕެނަލްޓީ އެވެ.
ޔޫރޯގައި ޖޯޖިއާ ވާދަކުރާނީ ތުރުކީ، ޕޯޗުގަލް އަދި ޗެކް ރިޕަބްލިކާ އެކު ގްރޫޕް އެފްގަ އެވެ.
ޔުކްރޭނާއި އައިސްލޭންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް ނިމުން އިރު ލީޑު ނަގާފައި އޮތީ އައިސްލޭންޑް އެވެ.
މެޗުގެ 30 ވަނަ މިނިޓްގައި މި ލަނޑު ޖަހާފައިވަނީ އަލްބާޓް ގުޑްމުންޑްސަން އެވެ. އެހެން ނަމަވެސް މެޗުގެ 54 ވަނަ މިނިޓްގަަައި ޝީޔަންކޯފްގެ ގޯލުންޔުކްރޭން ނަތީޖާ އެއްވަރުކޮށްފައި ވާއިރު ، އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ޔޫކްރެއިން ޔޫރޯ އަށް ގެންގޮސްދިން ލަނޑު ޖެހީމިކައިލޯ މުޑްރިކް އެވެ.
ޔޫކްރެއިން ޔޫރޯގައި ކުޅޭނީ ގްރޫޕް އީގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ، ބެލްޖިއަމް، ސްލޮވާކިއާ އަދި ރުމޭނިއާ އެވެ.
ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށް ދާނީ ޖޫން 14 އިން ޖުލައި 14 ގެ ނިޔަލަށެވެ.