ސިޔާސީ ވެރިން ހައްޔަރުކުރަން ތައްޔާރުވާން ފަށާފައިވާ ކަމަށް ގައުމު ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސަރުކާރުން މި ގައުމު 20 އަހަރު ފަހަތަށް ގެންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހަމަވަމުންދާއިރު ފުރަތަމަ ވެރިކަމަށް އައިސް ކުރެއްވި ކަމަކީ ނޫސްވެރިންނަށް ހުރަސް އެޅުން ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ވަޒީފާގެ ބިރު އިންތިހާ އަށް ކުރިމަތިކުރަމުންދާ ކަމަށާއި އެންމެފަހުން މިއަދު ފެނިގެން ދަނީ ސިޔާސީ ލީޑަރުންނާ ދިމާކުރާ މަންޒަރު ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރުކުރުމަށް ނިންމާފައިވަނީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ކަމަށާއި މި ކަންކަމުން މީގެ 20 އަހަރު ކުރީގެ ކަންކަން ހަނދާނަށް އަންނަމުންދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ބިރުވެރިކަން އިންތިހާ އަށް މިހާރު ކުރިމަތިވަމުންދާ ކަމަށާއި ދޫކޮށްލައިގެން ތިބެއްޖެ ނަމަ އަނެއްކާވެސް އެ ބިރުވެރިކަމާއި އަނިޔާވެރިކަމަށް ރާއްޖެ ދާނެ ކަމަށެވެ.