-Advertisement-

-Advertisement-

މޯލްޑިވިއަންގެ ދަތުރުތައް ކޮލަމްބޯއަށް ފަށަނީ

ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސްރީ ލަންކާގެ، ވެރިރަށް ކޮލަމްބޯއަށް ދަތުރުތައް ފަށާ ގޮތަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަނުން ކޮލަމްބޯއަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގު ފެށެނީ 222 ޑޮލަރަށެވެ.

ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ފްލައިޓްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބެގެޖް އެލަވަންސްގެ ގޮތުގައި ޕަސެންޖަރުންނަށް 30 ކިލޯ ލިބިގެންދެއެވެ.

މާލެއިން، ކޮލަމްބޯއަށް ފުލައިޓް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއަކީ ރޭގަނޑު 19:35 އެވެ. އަދި ކޮލަމްބޯއިން މާލެއަށް ފުލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 22:35 އެވެ. އަދި ފުލައިޓު މަތިން ކާތަކެތި ޕަސެންޖަރުންނަށް ފޯރުކޮށްދޭނެ ކަމަށް މޯލްޑިވިއަންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

ކޮލަމްބޯ ދަތުރުތައް ބުރާސްފަތި އަދި ހޮނިހިރުގައި ބޭއްވުމުގެ ބޭނުމަކީ ބުރާސްފަތި ދުވަހު އޮފީސް ނިންމާލައި ކޮލްމްބޯއަށް ދިއުމަށްފަހު ހޮނިހިރު ދުވަހު އަނބުރާ ރާއްޖެއަށް އާދެވޭ ގޮތަށް ހަދައި، ހަފުތާ ބަންދަށް ސްރީ ލަންކާއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މީގެ އިތުރުން މޯލްޑިވިއަނުން ބުނެފައިވަނީ އެ އެއާލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން މެޑިކަލް ކޮންސަލްޓޭޝަން، މެޑިކަލް ހިސްޓްރީ އެވެލުއޭޝަން، ބޮޑީމާސް އިންޑެކްސް ޓެސްޓު އަދި ވިޝަން ޓެސްޓު ހެދެން ހުންނާނެ ކަމަށާއި ކްލިނިކަލް ޑައިޓިޝަނަކާ ކޮންސަލްޓު ކުރުމުގެ ފުރުސަތުގެ އިތުރުން ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ހެލްތު ސްކްރީނިން ޕެކޭޖުތަކުން ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވިއަންގެ ފަރާތުން ބުނެފައިވެއެވެ.

ކޮލަމްބޯއަށް ދަތުރުކުރާ އެހެން ފުލައިޓުތަކުން ބެގޭޖް އެލެވަންސްގެ އިތުރުކުރުމަށް ޗާޖެއް ނެގި ނަމަވެސް މޯލްޑިވިއަނުން ފޯރުކޮށްދޭ 30 ކިލޯގެ ބެގޭޖް އެލަވަންސަށް އެއްވެސް އިތުރު ޗާޖެއް ނުނަގާނެއެވެ.

މޯލްޑިވިއަނުން މައުލޫމާތުދޭ ގޮތުގައި، އުމުރުން ދުވަސްވީ ޕަސެންޖަރުންނަށް ހާއްސަކޮށްގެން އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ މުވައްޒަފުން އެސިސްޓެންޓުންގެ ގޮތުގައި ތިބޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-