ފިތުރު އީދު ދުވަހު ހަވީރު 16:00 ފެށިގެން އިރުއޮއްސި 18:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެފަރާތުން މިގޮތަށް ނިންމާފައިވަނީ މިއަދު އޮތް މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތައް ބަންދުކުރުމަށް ހުށަހަޅަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ އެގޮތަށް ހުށަހަޅާފައިވަނީ ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާއިން ކަމަށާއި އެ ވުޒާރާގެ ފަރާތުން އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެ ވަގުތު 16:00 އިން 20:00 އިތުރުކުރުމަށް ބައެއް ކައުންސިލު މެމްބަރުންގެ ފަރާތުން މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ހުށަހެޅި އެވެ. އެގޮތަށް ވޯޓު ދިފައިވަނީ 11 ކައުންސިލަރުންގެ ތެރެއިން 4 ކައުންސިލަރުންނެވެ.
އީދު ދުވަހު ހަވީރު 16:00 އިން ފެށީގެން 18:00 އަށް މާލޭގެ މަގުތަށް ވެހިކަލް ނުދުއްވޭ ގޮތަށް ބަންދުކުރަން ފާސް ކޮށްފައިވަނީ 11 ކައުންސިލު މެމްބަރުންގެ ތެރެއިން 08 މެމްބަރުންގެ ވޯޓުންނެވެ.